ކުޅިވަރު

ނޭމާގެ ބައްޕަ އެމެރިކާއިން ކުށްޔަށް ހިފި ގެއަށް ދުވާލަކު 60000 ރުފިޔާ


ބްރެޒިލްގެ ގައުމީ ޓީމަށް ވޯލްޑް ކަޕް ކުޅެން ނޭމާ ސަންޓޯސް ނެގުމުން އޭނާގެ ބައްޕަ އެމެރިކާއިން ދުވާލަކު 60000 ރުފިޔާ އަށް ގެއެއް ކުށްޔަށް ހިފައިފި އެވެ.

ޖަރުމަނުގެ ނޫސްތަކުން ބުނާ ގޮތުގައި ނޭމާގެ ބައްޕަ ނޭމާ ޑަސިލްވާ ސަންޓޯސް ކުށްޔަށް ހިފި މިގޭގެ މޫނުމަތީ އަގަކީ 12.5 މިލިއަން ޔޫރޯ އެވެ. ޑިސްނޭ ވޯލްޑް ކޮމްޕްލެކްސްއިން 12 މިނިޓުން ދެވޭ ހިސާބުގައި ހުރި މިގޭގައި 16 ކޮޓަރި އާއި މުނިފޫހިފިލުވުމުގެ އެންމެ ޒަމާނީ ވަސީލަތްތަކާއި ގޭމިން ރޫމްތަކާއި ސްވިމިން ޕޫލާއި ޖިމް އަދި ބާސްކެޓް ކޯޓާއި ބޯލިން އޭރިޔާ އަކާއި ވީޑިއޯ ގޭމް އާކޭޑެއް ވެސް ހިމެނެ އެވެ. މިތަނަށް ދުވާލަކު ދައްކަން ޖެހެނީ 3370 ޔޫރޯ (ފަސްދޮޅަސް ހާސް ތިން ސަތޭކަ ނަވާވީސް ރުފިޔާ ދިހަ ލާރި) އެވެ.

ނޭމާގެ ބައްޕަ މި ގެ ކުއްޔަށް ހިފުމުގެ ބޭނުމަކީ އޭނާގެ ދަރިފުޅާ ގާތުގައި ހުރުމެވެ. އަދި ނޭމާ ކުޅޭތަން ބަލަން އާއިލާގެ މީހުންނާއި ރަހުމަތްތެރިންނަށް ފަސޭހައިން ދެވޭ ހިސާބުގައި ވޯލްޑް ކަޕް ނިމެންދެން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެންމެ މަތީ ފެންވަރުގެ ވަސީލަތްތައް ހިމެނޭ މި ގެ ހުންނަނީ އެމެރިކާގެ ފްލޮރިޑާގަ އެވެ. ބްރެޒިލްގެ ގައުމީ ޓީމު ކުޅޭއިރު އާއިލާގެ ބައެއް މީހުން ވެސް މިގޭގައި މެޗުތައް ބަލަން ތިބުމަށްވަނީ ރާވައިފަ އެވެ.

ނޭމާގެ ބައްޕަ އަކީ ބްރެޒިލްގެ ވިޔަފާރިވެރިއެކެވެ. އޭނާ އެންމެ ފަހުން ކުރި އެއް މުއާމަލާތަކީ ބްރެޒިލަށް ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލެޖެންޑް ޕެލޭ ބްރޭންޑްގެ އޭނާގެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމެވެ.

މިރޭ ދަންވަރު ބްރެޒިލް ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް މޮރޮކޯއާ ދެކޮޅަށް ނުކުންނާނެ އެވެ. އަނިޔާގެ ސަބަބުން ނޭމާ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް 34 އަހަރުގެ ފޯވަޑް ޖެހިގެން އަންނަ މެޗަށް ފިޓްކުރަން ބްރެޒިލް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. ބްރެޒިލްގެ އެހެން ކުޅުންތެރިންނާ ހިލާފަށް ނޭމާ ޓީމުގައި ހިމެނީ ވެސް އަނިޔާގައި ހުއްޓަ އެވެ. ސަބަބަކީ ސްޕޮންސަރުން އެމަކަމަށް ބޭނުންވުމުން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ކޯޗު ކާލޯ އަންޗެލޯޓީ އަށް އެކަން ކުރަން ބާރު އެޅުމެވެ.