ތަފާތު އެކި ދާއިރާތަކުގައި މިއަދު ދިވެހިންގެ ހުނަރުވެރިކަން ދަނީ ފެންނަމުންނެވެ. ދިވެހިންގެ ހުނަރުވެރިކަމާއިމެދު މިއަދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ.
އެކި ދާއިރާތަކުން ވިޔަފާރިތައް ފަށައި ދަނީ ކާމިޔާބީތައް ދައްކަމުންނެވެ. ނަމަވެސް މިފަދަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަޤްވާމީ މާކެޓުތަކާއި ހަމައަށް ވާސިލުވުމުގައި އޮތް ދަތިތަކެވެ. ބޭރުން ލިބޭ ޑޮލަރު އަތަށް އެރުމަށް އޮންނަ ހުރަސްތަކެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރި މަސައްކަތުން އުރީދޫއިން މިހާރު ވަނީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކޮށްފައެވެ.
ޕޭޕަލްގެ ޚިދުމަތް ދިވެހިރާއްޖެއަށް ތަޢާރަފްކުރުމުގެ ވާހަކަ ދެކެވޭތާ ޒަމާންތަކެއް ވެއްޖެއެވެ. ޕޭޕަލް ޚިދުމަތް ރާއްޖެ އައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ، ނިޒާމީ ގޮތުން ހުރި ގޮންޖެހުންތަކާއި މާކެޓު ސައިޒެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި މިކަން ހިމަނުއްވަވާ ވެރިކަމަށް އައިސް މިކަން ފެއްޓެވީ، މި ތަޞައްވުރު ބަދަލު ކުރުމަށެވެ.
ސަރުކާރުން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ވަނީ، ޕޭޕަލްއާއިއެކު މަޝްވަރާކުރައްވާފައެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި ނެތުން ކަމަށެވެ. މިކަން ހައްލު ކުރެއްވުމަށްޓަކައި ރާއްޖޭގައި ޕޭޕަލް އޮޕަރޭޓް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށް ދާދި އަވަހަށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ލިބޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"މިކަން ޙައްލުކުރުމަށްޓަކައި، ރާއްޖޭގައި ޕޭޕަލް އޮޕަރޭޓްކުރަން ފެށުމަށް ގިނަގުނަ މަސައްކަތް ކުރެވި، ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭނެ އިންތިޒާމު ދާދި އަވަހަށް ހަމަޖެހޭނެކަމުގެ މަޢުލޫމާތު ލިބިފައިވޭ." ރައީސް ވިދާޅުވިއެވެ.
އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް ލިބޭނެ އިންތިޒާމް މިމަހުގެ 15 ވަނަ ދުވަހު ވަނީ ހަމަޖައްސާފައެވެ. މިއީ، ޒަމާންތަކެއް ވަންދެން އެތައް ދިވެހިންނެއް އިންތިޒާރު ކުރި ޚިދުމަތެކެވެ.
މިކަމާއި ގުޅިގެން ވިޔަފާރިވެރިންނާއި އަދި ބައެއް އެހެނިހެން ފަރާތްތަކުންވެސް ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވީ، އުރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލް ތައާރަފް ކުރުމަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެ ހޯދި ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ފުދިގެން ދިޔުންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ސަބަބުން ފްރީލާންސް މަސައްކަތްތެރިންނާއި، އަމިއްލަ އުފެއްދުންތެރިންނާއި އަދި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުތަކާ ގުޅާލުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
PayPal services being introduced in the Maldives through @OoredooMaldives is a major digital milestone and the fulfilment of an important pledge by President Dr @MMuizzu
— Ahmed Azaan (@axanner) June 15, 2026
This opens new opportunities for freelancers, creators, entrepreneurs and small businesses to connect with…
ކޮންޓެންޓް ކުރިއޭޓް ކުރާ ފަރާތެއް ކަމަށްވާ ޝަހީދު ލެގަސީގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން ބުނެފައިވަނީ، ޕޭޕަލް ޓެސްޓުކޮށްފި ކަމަށާއި އަދި ޕޭޕަލް ފުރިހަމައަށް މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވަނީ، ޚިދުމަތް ހޯދުމަށް ޕޭޕަލް އީމެއިލްއާއި އެމްފައިސާ އީމެއިލް އެއްގޮތްވާންޖެހޭނެ ކަމަށް ބުނެފައެވެ. އަދި ޕޭޕަލް ރާއްޖެއަށް ގެނެސްދިނީތީ އުރީދޫއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
PayPal tested and working 👍
— Shahyd Legacy (@ShahydLegacy) June 16, 2026
Make sure your PayPal email and m-faisaa email is also the same and name also must be same on both platforms, I also had to open a new account because my previous accounts was on linked to another email
Thank you @OoredooMaldives pic.twitter.com/sI4jr3MEcj
ސަރުކާރުން 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ޕޭޕަލްގެ އިސްވެރިންނާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. މިކަމާއި ގުޅޭ ފުރިހަމަ ޕްރޮޕޯސަލެއްވެސް ސަރުކާރުން ސެޕްޓެންބަރު މަހު ހުށަހަޅާފައިވެއެވެ.
ސަރުކާރުގެ އަމާޒަކަށްވީ މިކަން ކުރުމަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލުމެވެ. ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމްފައިސާ އެކައުންޓެއް ހުޅުވޭ ކަމެވެ. އަދި އެ މީހެއްގެ ޕޭޕަލް އެކައުންޓް އެމްފައިސާ އެކައުންޓާއި ލިންކް ކޮށްލުމުން ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ.
މި ހުޅުވުނު ދޮރަކީ، ހަމައެކަނި ޒުވާނުންނަށް އޮތް ފުރުސަތެއް ނޫނެވެ. ދުނިޔޭގެ މާލީ މުޢާމަލާތްތަކާ ގުޅާލަދޭ މި ޚިދުމަތުގެ ސަބަބުން ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ރާއްޖޭގެ ބާޒާރުން ބޭރަށް ފުރުޞަތުތައް ފުޅާކުރުމުގެ ބާރު ލިބޭނެއެވެ. އަދި ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ޑޮލަރުން ލިބޭ ފައިސާ އެ ފަރާތްތަކުގެ ޕޭޕަލް އެކައުންޓަށް ހޯދުމަށާއި، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި އިތުބާރާއެކު ހަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިކަމުން ހާމަވަނީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ކެޕިޓަލް އިންވެސްޓްމަންޓުތަކަށް ފަހި އަދި އިތުބާރު ހުރި މާޙައުލެއް އޮތް ޤައުމެއް ކަމަށެވެ. މިއީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހިން ފައިހަމަ ކުރުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ސަރުކާރުން ވަނީ، މުސްތަޤުބަލުގައިވެސް ޕޭޕަލް ފަދަ އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.