ރިޕޯޓް

މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް


މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ.

ދުނިޔޭ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރުކަމުގައިވާ “މޫސުމަށް އަންނަ ބަދަލުތަކާއިއެކު ދަނޑުވެރިކަމާއި ކެޔުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަންޖެހޭ،” މި ޝިއާރުގެ ދަށުންނެވެ.

މިއަހަރުގެ ދަނޑުވެރިކަމުގެ މައުރަޒު ކުރިއަށް ގެންދަވާފައިވަނީ ކާބޯތަކެތީގެ ދުވަހާއިވެސް ގުޅުވައިގެން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒްއެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއެވެ.

މިގޮތުން އެހެން ފަހަރުތަކާއި ޚިލާފަށް މިއަހަރު ބޭއްވި ދަނޑުވެރިކަމުގެ މައުރަޒުގައި ތަފާތު ކާބޯތަކެތީގެ ބާވަތްތަކާއި، މިތަކެތި އުފައްދާނެ ގޮތްތައްވެސް ފެނިގެން ގޮސްފައިވެއެވެ. މިއީ އަހަރުގެ ދުނިޔޭގެ ދަނޑުވެރިކަމުގެ ޝިޢާރާއި ގުޅުވައިގެން ކުރިއަށްގެންދިޔަ މައުރަޒެއް ކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޢަލީ އާމިރު ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިވި ޖަމްޢިއްޔާތަކުގެ ތެރެއިން ވިމެންސް އާރޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަންއާއި، އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ވައިސް ޗެއަރ ޖުވޭރިޔާ ވަޖުދީ ވިދާޅުވީ މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން އެ އެސޯސިއޭޝަންތަކުން ކާނާ އާއި ގުޅޭ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކި އުމުރުފުރައިގެ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރީ ކާނާގެ ބަދަލުގައި، ކެމިކަލްގެ ބާވަތްތައް ނުހުންނަ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ހިމެނޭ ކެއުންތައް ތައްޔާރުކުރާގޮތުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން ކާ ބާވަތްތަކުގެ ފަތްތަކާއި ކާނާގެ ބާވަތްތަކުގެ ތެރެއިން ކެމިކަލް ނުހިމެނޭ ބާވަތްތައް ހޯދާ، ދިރާސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކި އުމުރުފުރާތަކަށް ޚާއްސަކޮށް ވަކިވަކިން ކެޓަގަރައިޒް ކޮށްގެން ތައްޔާރުކުރެވޭނެ ކާނާގެ ބާވަތްތައް ހިމެނޭ ފޮތެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ޖުވޭރިޔާ ވިދާޅުވިއެވެ.

މި އަހަރުގެ ހުރިހާ ހަރަކާތްތަކެއްވެސް މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވަނީ މި އަހަރަށް ޚާއްސަ ޝިޢާރުގެ ދަށުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.