ޚަބަރު

ހަތަރު މަސް ފަހުން އެމިރޭޓްސްއިން ރާއްޖެއަށް، ދަތުރުތައް ފަށައިފި


  • އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިން

  • ރާއްޖޭގެ އިތުރުން ލަންކާއަށްވެސް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައި

ހަތަރު މަސްދުވަހަށްފަހު އެމިރޭޓްސްއިން ރާއްޖެއަށް ޝެޑިއުލްޑް ދަތުރުތައް އަލުން ފަށައިފިއެވެ.

އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލާފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެމިރޭޓްސްއިން ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ލަންކާއަށްވެސް ޝެޑިއުލް ދަތުރުތައް ކުރުމަށް ފަށާފައެވެ.

ކޮންމެ ދުވަހަކު ޝެޑިއުލްކޮށް ބާއްވާ މި ދަތުރުތަކަކީ އެމިރޭޓްސްގެ ދުބާއީ-މާލެ ފްލައިޓް EK652 ގެ އިތުރުވުމެކެވެ. މި ފްލައިޓް މާލެއަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރު EK653 ވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ.

އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މި ދަތުރުތައް އަލުން ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުން އެމިރޭޓްސްގެ ވިއުގައަށް ބޮޑެތި ބަދަލުތަކެއް އައެވެ. މުޅި މެދުއިރުމަތީގެ އެއާޕޯޓުތަކުން 30,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މެދުއިރުމަތީގެ މަގުން ރާއްޖެއަށް ގާތްގަނޑަކަށް 30 އިންސައްތަ ފަތުރުވެރިން އާދެއެވެ.

އެމިރޭޓްސްއިން މިހާރު ދަނީ އެ އެއާލައިންގެ ވިއުގަ އަލުން ބިނާކުރަމުންނެވެ. އެގޮތުން މާޗް މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ވަނީ ފަށާފައެވެ. ނަމަވެސް، މިހާރު ދަތުރުތައް ކުރަމުންދަނީ ކުރިން ބޭނުންކުރި ވައިގެ މަގުތަކުގެ ބަދަލުގައި، ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކެއްގައެވެ.

ހަނގުރާމައިގެ އެމިރޭޓްސްގެ އިތުރުން ގަލްފުގެ ބޮޑެތި އެއާލައިންތައް ކަމަށްވާ ގަތަރު އެއާވޭސް އަދި އިއްތިހާދުގެ ގިނަ ދަތުރުތަކެއް ދިޔައީ ކެންސަލްވަމުންނެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ގުޅިގެންކުރި މަސައްކަތާއެކު މިހާރު ގިނަ އަދަދެއްގެ އެއާލައިންތަކެއްގެ ދަތުރުތައް އަލުން ރާއްޖެއަށް ވަނީ ފަށާފައެވެ. އަދި ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ވަނީ އިތުރުވެސްކޮށްފައިވެއެވެ.

އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސްއަށްވެސް މި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުތައް އަލުން ފެށުމަކީ ލަންކާގެ އެކްސްޕޯޓް ދާއިރާއަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އެމިރޭޓްސްއިން މި ދެ ގައުމަށް ހިދުމަތް ދޭތާ މިހާރު ތިން ދަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.