ޚަބަރު

ވިޔަފާރި މުޢާމަލާތަށް ބަހާލައިގެން ފައިސާ ދެއްކޭ ބީއެމްއެލްގެ ޚިދުމަތެއް


  • ބީއެމްއެލް ކްރެޑިޓް ކާޑެއް ގެންގުޅޭ ކޮންމެ ކަސްޓަމަރަކަށް ޚިދުމަތް ލިބޭނެ

  • ބަހާލައިގެން ފައިސާ ދެއްކޭނީ 1500ރ އިން މަތީގެ މުޢާމަލާތްތަކަށް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓް ޕޭ" ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި އިތުރަށް ލުއިފަސޭހަ ކުރުމަށް ތަޢާރަފްކޮށްފައިވާ ޚިދުމަތެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި ސްޕްލިޓް ޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބެއެވެ. މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލް ސްޕްލިޓް ޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ޚިދުމަތްދޭ ވިޔަފާރިތަކުން ސްޕްލިޓްޕޭގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރެޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްޕްލިޓް ޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. މި ޚިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފުކުރި ޚިދުމަތެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.