މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފައިވާކަމަށް ޕޭމަންޓް މޯލްޑިވްސްއިން ބުނެފިއެވެ. ޕޭމަންޓް މޯލްޑިވްސްއަކީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ސަބްސިޑަރީ ކުންފުންޏެކެވެ.
"ފަވަރަ" އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ ޕޭމަންޓް ސިސްޓަމްއެކެވެ. މި ޕޭމަންޓް ސިސްޓަމް ލޯންޗްކުރީ 26 އޮގަސްޓް 2023ގައެވެ.
މިއީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕޭމަންޓް މޯލްޑިވްސްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ މަރިޔަމް ޝަބާ ވިދާޅުވީ، ފަވަރަ މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ އަދަދަށް ބަލާލާއިރު މި ސިސްޓަމްގެ ކާމިޔާބީ ހާމަވާކަމަށެވެ. އެގޮތުން މިހާތަނަށް 100 ބިލިޔަން ރުފިޔާ އެއް ބޭންކުން އަނެއް ބޭންކަށް ވަނީ ފޮނުވާފައެވެ.
"އޭޕްރީލް މަހު އަޅުގަނޑުމެން މުޅި ޖުމްލަ މި ހާސިލްކުރީ 100 ބިލިޔަން ރުފިޔާ ފަވަރަ ތުރޫކޮށް މިހާރު މިވަނީ ހިންގާފައި. އޭގެއިތުރުން ޖުމްލަކޮށް 71،000 ޓްރާންސެކްޝަން ކޮންމެ ދުވަހަކު ފަވަރަ މެދުވެރިކޮށް ފަވަރަ މެދުވެރިކޮށް އެބަ ހިންގާ. އޭގެ މާނައަކީ އެއްބޭންކުން އަނެއް ބޭންކަށް އިންސްޓަންޓްލީ މި 100 ބިލިޔަން މިހާތަނަށް އަޅުގަނޑުމެންގެ ފަވަރަ ސިސްޓަމް މެދުވެރިކޮށް މިވަނީ ހިންގާފައޭ." ޝަބާ ވިދާޅުވިއެވެ.
"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.
ޕޭމަންޓް މޯލްޑިވްސްއިން މިހާރު ގެންދަނީ ފަވަރައިގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެމްއެމްއޭގެ ސްޓޯލްއިން ފަވަރައާއި ބެހޭ އިތުރު މައުލޫމާތު ލިބެންހުންނާނެކަމަށް ޕޭމަންޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.