ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްގެ ފަހު މެޗަކީ އޭނާ ބޭނުންވި ގޮތަށް ވޯލްޑްކަޕްގެ ފައިނަލް މެޗަށް ނުވެ ގައުމީ ޓީމާއި ވަކިވާން ޖެހިއްޖެ އެވެ.
ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ރޭ ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިވިއިރު, މި މުބާރާތުގެ ކުރިންވެސް ޑިޝޯމްޕް ވަނީ މި މުބާރާތަށްފަހު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ދުރަށް ދާނެކަމަށް ބުނެފަ އެވެ.
2012 ވަނަ އަހަރު ފްރާންސްގެ ކޯޗު ކަމާއި ޑިޝޯމްޕް ހަވާލުވިއިރު އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރު ފީފާ ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕް ފްރާންސް އިން ކާމިޔާބުކޮށްފައިވަނީ ޑިޝޯމްޕްގެ ކޯޗު ކަމުގެ ދަށުންނެވެ. އެހެންކަމުން އޭނާ
ވަނީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕް ކާމިޔާބުކުރި ތިން މީހުންގެ ތެރޭގައި ހިމެނިފަ އެވެ.
އުމުރުން 57 އަހަރުގެ ޑިޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވޯލްޑްކަޕްގައި ޖުމްލަ 26 މެޗު ކުޅެފައިވާއިރު މިއީ ވޯލްޑްކަޕްގައި އޭނާއަށް ލިބިފައިވާ ރެކޯޑެކެވެ. މީގެ ތެރެއިން 20 މެޗުން ފްރާންސް ވަނީ މޮޅުވެފަ އެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑިޝޯމްޕް ވަނީ މި ފަހަރުގެ ވޯލްޑްކަޕަށް ފަހު ގައުމީ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދޭނެކަމަށް ބުނެފަ އެވެ. އަދި ގިނަ ބަޔަކު އުންމީދުކުރި ގޮތާއި ޚިލާފަށް ޑިޝޯމްޕްގެ ފަހު މެޗަކަށް މިހާރު ވެގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން ބަލިވާ ޓީމެކެވެ.
ޑިޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އެ މެޗުން އާޖެންޓީނާ އަތުން ފްރާންސް ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.