ޚަބަރު

ޕޭޕަލްގައި 3800 އެކައުންޓް ހުޅުވައިފި


  • ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރީ މިދިޔަ މަހު

  • މިހާރު ވަނީ ޓްރާންސެކްޝަންތައް ފެށިފައި

ޕޭޕަލްގެ ޚިދުމަތާ 3800 އަށްވުރެ ގިނަ ފަރާތުން ގުޅިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރީ މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް މިހާރު ދިވެހިންނަށް ލިބޭނެއެވެ. މިއީ، ޒަމާންތަކެއް ވަންދެން އެތައް ދިވެހިންނެއް އިންތިޒާރު ކުރި ޚިދުމަތެކެވެ.

މިކަމާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވިޔަފާރިތަކަށް ވަރަށް ގިނަ ދަތިތަކެއް މީގެކުރިން ހުރިކަމަށެވެ. އޭގެތެރެއިން އެއް ދައްޗަކީ ފައިސާ ދައްކާ ރާއްޖެއިން ބޭރުން ފައިސާ ލިބުމުގައި ހުރި ދަތިތައްކަމަށެވެ. މިކަންކަމަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ މިގޮތުން ފެށިގެންދިޔަ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.

" ޕޭޕަލްވެސް ރާއްޖެއަށް މީގެކުރިން ހަމަ ނުގެނެވޭނެކަމަށް ގަބޫލުކޮށްގެން ތިބީ. މިއަދު ޕޭޕަލް އައީމަ އޭގައި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމަކީ ކޮބާތޯ. މިއަދު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގާތްގަނޑަކަށް 3،800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ޓްރާންސެކްޝަންތަކެއް ފެށިއްޖެ. އެހެރަ އަންނަނީ ކުޑަ ނަމަވެސް ކުރިއެރުންތަކެއް." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްތިޞާދުތަކުގެ ލިސްޓުގައެވެ.

މި ހުޅުވުނު ދޮރަކީ، ހަމައެކަނި ޒުވާނުންނަށް އޮތް ފުރުސަތެއް ނޫނެވެ. ދުނިޔޭގެ މާލީ މުޢާމަލާތްތަކާ ގުޅާލަދޭ މި ޚިދުމަތުގެ ސަބަބުން ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ރާއްޖޭގެ ބާޒާރުން ބޭރަށް ފުރުޞަތުތައް ފުޅާކުރުމުގެ ބާރު ލިބޭނެއެވެ. އަދި ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ޑޮލަރުން ލިބޭ ފައިސާ އެ ފަރާތްތަކުގެ ޕޭޕަލް އެކައުންޓަށް ހޯދުމަށާއި، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި އިތުބާރާއެކު ހަރަކާތްތެރިވުމަށް މަގުފަހިވާނެ ކަމަށް އުރީދޫން ބުނެއެވެ.