އުތުރާއި މެދުރާއްޖެއަށް މިއަދު އާންމު މިނަށްވުރެ ހޫނު ގަދަވި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. އެންމެ ހޫނު ގަދަވި ވަގުތު އާންމު މިނަށްވުރެ ހޫނު ގަދަކަމަށް ރެކޯޑު ކޮށްފައިވަނީ، މާލެއާއި ހދ. ހަނިމާދޫ އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފިނި ހޫނުމިން ހުރި މިންވަރު މިއަދު އާންމުކޮށްފައިވެއެވެ. އެގޮތުން މާލެ ސަރަހައްދަށް މިއަދު 11:00 ހާއިރު، 37 ޑިގްރީއަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، މި ހޫނުމިން މާލެ ސަރަހައްދަށް 14:00 އާއި ހަމައަށްވެސް ދެމިގެން ދިޔައެވެ. އިހުސާސް ކުރެވޭ ހޫނުމިން ދެން އެންމެ މައްޗަށް ގޮސްފައިވަނީ، ހދ. ހަނިމާދޫއަށެވެ. މިއަދު 11:00 ގައި އިހުސާސް ކުރެވޭ ފިނި ހޫނުމިން 34.5 ޑިގްރީ ސެލްޝިއަސްގައި ހުރިނަމަވެސް 14:00 އާއި ހަމައަށް މިއަދަދު ވަނީ 37.1 ޑިގްރީއަށް މައްޗަށް ޖެހިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިހުސާސް ކުރެވޭ ފިނި ހޫނުމިން ރެކޯޑް ކުރެވޭ މިންވަރު އާންމުކުރާއިރު، ރައްކާތެރިކަމަށް ބަލާ މިންގަނޑުތައް އާންމުކުރެއެވެ. އެގޮތުން 37 ޑިގްރީ އަށްވުރެ ދަށުގައި ހުންނަނަމަ، އާންމު ހާލަތު ކަމަށް ބަލައެވެ. އަދި 37 ޑިގްރީއާއި 37.9 ޑިގްރީއާ ދެމެދު އެއީ އާންމު މިނަށްވުރެ ހޫނުގަދަވުން ކަމަށް ބަލާއިރު، 38 ޑިގްރީއާއި 38.9 ޑިގްރީއަކީ ހޫނު ގަދަވުން ކަމަށް ބަލައެވެ. އަދި 39 ޑިގްރީ އަށްވުރެ އިހުސާސް ކުރެވޭ ފިނިހޫނުމިން މަތިވެއްޖެނަމަ އެއީ ވަރަށް ހޫނު ގަދަވުން ކަމަށް ބަލައެވެ.
އިހުސާސް ކުރެވޭ ފިނި ހޫނުމިން ދެ ސަރަހައްދަކަށް އާންމު ހާލަތަށްވުރެ އިތުރު ކަމަށް ރެކޯޑް ކޮށްފައިވާއިރު ހޫނު ގަދަ ދުވަސްތަކުގައި ޞިއްޚީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސް ކޮށްފައިވެއެވެ. އާންމުކޮށް ހޫނު ގަދަނަމަ، ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ދެމެދު ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ހިމެނޭހެން ބޭރުގައި އަވީގައި ގިނަ ވަގުތު މަސައްކަތް ކުރާ ފަރާތްތަކުންވެސް ގެއިން ބޭރުގައި އުޅޭއިރު ސަމާލުކަން ދޭން ޖެހެއެވެ.
މިގަޑިތަކުގައި ބޭރުގައި އުޅޭނަމަ ގިނަގިނައިން ފެއިން ބުއިމާއި، ތުނި ހެދުން ބޭނުން ކުރުމާއި، ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ކަހަލަ ބަލި ހާލަތެއް ކުރިމަތިވާނަމަ ޞިއްޙީ އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކޮންމެހެން ބޭރަށް ދާން ނުޖެހޭ ހާލަތްތަކުގައި ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނުދިއުމަށާއި، ހިޔާ ސަރަހައްދުތައް އިޚްތިޔާރު ކުރަން އިރުޝާދު ދެއެވެ.