ޚަބަރު

އިޓަލީވިލާތުން ގާޑިއޯލާ އާއި މަޝްވަރާ ކުރަން ފަށައިފި


  • މަލްޑީނީ އާއި ލިއޮނާޑޯވަނީ ޕެޕް އާއެކު ބާސެލޯނާގައި މަޝްވަރާކޮށްފަ

އިޓަލީވިލާތުގެ ފުޓްބޯލް ފެޑެރޭޝަން އިން އެޤައުމުގެ ޤައުމީޓީމަށް އާ ކޯޗެއް ހޯދުމަށް ކުރާ މަސައްކަތުގައި މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއެކު މަޝްވަރާތައް ބާއްވަން ފަށައިފިއެވެ.

އިޓަލީވިލާތުގެ ސްކައި ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޓާލީވިލާތުގެ ފެޑެރޭޝަން އިން ވަނީ ޕެޕް އާއި އެކު މަޝްވަރާތަކެއް ކޮށްފައެވެ. މަޢުލޫމާތުލިބޭގޮތުގައި އިޓަލީވިލާތުގެ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމާއި ދާދިފަހުން ހަވާލުވި އެޤައުމުގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ޕައުލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރ ލިއޮނާޑޯޯ ވަނީ ބާސެލޯނާއަށް ދަތުރުކޮށް، ތިން ދުވަހުގެ މުއްދަތަކަށް ގާޑިއޯލާއާ އެކު މަޝްވަރާތައް ބާއްވާފައެވެ. ޕެޕް މިކަމަށް އެއްބަސްވެއްޖެނަމަ އޭނާ ވެގެންދާނީ އިޓަލީވިލާތުގެ ޤައުމީ ޓީމާއި ހަވާލުވާ އެޤައުމަށް ނިސްބަތްނުވާ ދެވަނަ ކޯޗަށެވެ.

ޕެޕްގެ އިތުރުން އިޓަލީވިލާތުގެ ޤައުމީ ޓީމާއި ގުޅުވައިގެން ވާހަކަ ދެކެވޭ އެހެން ކޯޗުންގެ ތެރޭގައި އެޓީމަށް ކުރިން ކޯޗުކޮށްދީ އަދި ޔޫރޯވެސް ކާމިޔާބު ކޮށްދީފައިވާ ރޮބާޓޯ މަންޗީނީ އާއި ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަންދުރިއާ ޕީރްލޯ ހިމެނެއެވެ. އުމުރުން 55 އަހަރުގެ ޕެޕް އަކީ އިޓަލީ ބަހަށް ވަރަށް ފަރިތަ އަދި އިޓަލީވިލާތުގެ ފުޓްބޯޅަ ތަޖްރިބާކޮށްފައިވާ ފަރާތެކެވެ. އޭނާވަނީ އިޓާލިއަން ސެރީއާގެ ބްރެޝިއާ އަދި އޭއެސް ރޯމާއަށް ކުޅެފައެވެ.

އިޓަލީވިލާތުން އިންގްލަންޑް ބަލިކޮށް 2021 ވަނަ އަހަރުގެ ޫރޯ ކާމިޔާބު ކުރި ނަމަވެސް އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕަށްވެސްވަނީ ކޮލިފައިނުވެފައެވެ. އެންމެފަހުން މިނިމުނު ވޯލްޑް ކަޕުން އިޓަލީވިލާތަށް ޖާގަގެއްލިގެންދިޔައީ ޔޫރަޕިއަން ޕްލޭ އޮފްގައި ބޮސްނިއާ އެންޑް ހާޒެގޮވީނާ އާއި ބައްދަލުކޮށް ބަލިވުމުންނެވެ.