ޚަބަރު

ބޮޑުތަކުރުފާނު މަގު: ޕާކިން ޒޯނުގެ ނިޝާންތައް ހަރުކުރުން ކުރިއަށް


  • ޕާކިން ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައި

  • ޕާކިން ޒޯނުގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯނުގެ ނިޝާންތައް ޖެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ބާރުސްޕީޑެއްގައި ކުރިއަށްގޮސް، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެވެ.

މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން އިއްޒުއްދީން ފަލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރުއަޅާފައެވެ. އެމްޓީސީސީން ވިދާޅުވީ، މި ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައްވެސް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގެ ޕާކިންގ ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތްތައްވެސް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ޕާކިންގ ޒޯނުގެ ނިޝާންތައް ޖެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މި މަސައްކަތްތައް މި ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް މި މަހުގެ 26 ވަނަ ދުވަހަށް އެއްކޮށް ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒުހިފާފައެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ލުއިތަކެއް ލިބި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު ތަރައްޤީކޮށް ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.