ޚަބަރު

"މިޑިއާ ވިލެޖުން ކުޑަ އަގެއްގައި ޖާގަ ކުއްޔަށް ލިބޭނެ"


  • ދަޢުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައީސާ ވަނީ ދޭން ފަށާފައި

  • މީޑިއާތަކަށް ސްޓޫޑިއޯ ޖާގަ ލިބޭނެ

  • 34 މީޑިއާއެއް ހިންގޭނެ ވަރަށް އޮފީސް ރޫމްތައް ވަނީ ތަަރައްޤީކޮށްފައި

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން 300އަށްވުރެ ގިނަ މީޑިއާތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ އިތުރުން މަދުންނަމަވަވެސް ރޭޑިއޯ ޗެނަލްތައް ހިމެނެއެވެ. މިފަދަ އަމިއްލަ މީޑިއާތަކަކީ އެކި ފަރާތްތަކުގެ ސްޕޮންސަރ ލިބިގެން ހިންގަމުންދާ ތަންތަނެވެ. އަދި މި މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި އޮފީސް ހިންގުމަށް އެކަށީގެންވާ ތަނެއް ނުލިބުމާއި ބޮޑެތި އަދަދުތަކުން ކުލި ދައްކައިގެން އޮފީސް ހިންގުން ހިމެނެއެވެ. އެހެންކަމުން ސަރުކާރުން ނިންމެވީ މީޑިއާތައް ހިންގުމަށް ތަނެއް ހަމަޖައްސައިދީ ކުޑަ އަގެއް ދައްކައިގެން އޮފީސް ހިންގޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިން އެސްޓީއޯގެ ސިޓީ ހޮޓެލް ނުވަތަ މިހާރު ނަމަ "މެންހެޓަން ގްރޭންޑް ހޮޓެލް"ގައި ތަރައްޤީ ކުރުމަށް ނިންމި އިމާރާތުގައި މިހާރު އަންނަނީ މީޑިއާތައް ހިންގުމަށް ޚާއްސަ މީޑިއާ ވިލެޖެއް ތަރައްޤީކުރަމުންނެވެ. އެ އިމާރާތުގެ 3 ވަނަ ފަންގިފިލާ އެއްކޮށް ޚާއްސަކޮށްފައިވަނީ މީޑިއާތައް ހިންގުމަށެވެ. އެތަނުގައި 34 މީޑިއާއެއް ހިންގޭނެ ވަރަށް އޮފީސް ރޫމްތައް ވަނީ ތަަރައްޤީކޮށްފައެވެ. އަދި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި މީޑިއާތަކުގެ ކޮންޓެއްޓުތައް އުފެއްދުމަށް ބޮޑު ސްޓޫޑިއޯއެއް ވަނީ ތަރައްޤީކޮށްފައެވެ. މިތަން ނިންމުމަށް މިހާރު އަމާޒުކޮށްފައިވަނީ މިފެށެ މަހުގެ މެދުތެރެއަށެވެ.

އެޗްޑީސީން ހާމަކުރައްވާގޮތުގައި މީޑިއާ ވިލެޖްގެ ހުރިހާ މަސައްކަތްތަކެއް ހުރީ ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ސްޓޫޑިއޯ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެހެނިހެން ކުދިކުދި މަސައްކަތްތަކެވެ.

މިނިވަންދުވަހު ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީޑިއާތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ރައީސް ވަނީ ނޫސްވެރިން އަބަދުވެސް އުޅެންޖެހިފައި އޮންނަނީ ކޮންމެވެސް ފަރާތަކުން ސްޕޮންސަރޝިޕް ހޯދުންފަދަ ގޮތަކަށްކަންފާހަގަކުރައްވާފައެވެ. އެކަން ނިމުމަކަށް ގެނައުމަށް އެހީވުމަށްޓަކައި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، ވަކި އިންސައްތައެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ނޫސްވެރިންނަށް ފައިސާގެ ގޮތުގައި ދޭން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީޑިއާތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖްގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާކަމަށެވެ. އެ ތަނުން ކުޑަ އަގެއްގައި، ރަމްޒީ އަގެއްގައި ނޫސްވެރިންނަށް، މީޑިއާތަކަށް ސްޓޫޑިއޯ ލިބޭހެން ޖާގަ ކުއްޔަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށްފުޅާމިނުގައި ނޫސްވެރިކަން، މީޑިއާ ހިންގުމަށް އަޅުގަނޑުމެން މިވަނީ ކަންކަން ފަހިކޮށްދީފައި. ނޫސްވެރިން ތަމްރީނު ކުރުމަށްޓަކައި ވަރަށްގިނަ ކޯސްތައް އެބަ ހިންގަން. އެހެންވީމާ، ނޫސްވެރިކަމުގެ މިނިވަންކަންވެސް، އޭގެ އެންމެ ފުޅާ ދާއިރާގައި މިވަނީ ޔަޤީންކޮށްދީފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިދިޔަ ދެ އަހަރާ އަށެއްކަމަސް ތެރޭގައި އެކަނިވެސް 72 ނޫހެއް އަލަށް ރަޖިސްޓަރ ކޮށްފައިވާކަމަށާއި ނޫސްވެރިކަންވެސް އޭގެ އެންމެ ފުޅާމިނުގައި އެކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމަށެވެ. އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރު ވަނީ ޝަރުތު ހަމަވި، 40 މީޑިއާއަކަށް 27.2 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މިއަހަރު މި ފައިސާ ދޫކޮށްފައިވަނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ބެލުމަށްފަހުގައެވެ.

އެހެންކަމުން ސަރުކާރުން މީޑިއާތަކަށް ފޮރުކޮށްދޭ މާލީ އެހީތެރިކަމުގެ އިތުރުން މީޑިއާތައް ހިންގުމަށް އޮފީސް ޖާގަ ފޯރުކޮށްދިނުމަކީ މީޑިއާތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމެކެވެ.