ޚަބަރު

އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އީރާނުން ނޭދޭ


އީރާނާއެކު "ރަނގަޅު ވާހަކަތަކެއް" ދެކެވެމުންދާ ކަމަށާއި، އެއްބަސްވުމަކަށް އާދެވުމުގެ ފުރުޞަތު ބޮޑު ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. ނަމަވެސް އީރާނުގެ ޙާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އީރާނުން އިސްނަގައިގެން އެދިފާ ނުވާކަމަށް ހާމަކޮށްފައެވެ. 13 ދުވަހުގެ ޢުދުވާނީ ހަމަލާތަކަށްފަހު ޖުލައި 25 ގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލާފައިވީ ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކާމިޔާބުނުވެއްޖެ ނަމަ އަލުން ހަނގުރާމަ ފަށްޓަވާނެ ކަމުގައެވެ. އީރާނާ ދެކޮޅަށް އޭނާ ޣައިރުޤާނޫނީ ހަނގުރާމައެއް ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހު ޔަހޫދީން ރުއްސެވުމަށެވެ.

"އަޅުގަނޑުމެން މި ދަނީ ރަނގަޅު ވާހަކަތަކެއް ދައްކަމުން،" ޓްރަމްޕް ވިދާޅުވިއެވެ. "ކޮންމެވެސް ކަމެއް ހިނގުމުގެ ފުރުޞަތު އެބައޮތް، އަދި އެ ކަން ވެއްޖެނަމަ ރަނގަޅު، ނުވެއްޖެނަމަ މީގެ ދެ ދުވަސް ކުރިން އޮތް ޙާލަތަށް އެނބުރި ދާންޖެހިދާނެ." ހޮނިހިރު ދުވަހަށްފަހު ދެ ފަރާތުން ހަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، އުރުދުން އަދި ޢިރާޤަށް ޑްރޯން ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާތަކުގައި ފަހަތުގައި އޮތީ ކޮން
ފަރާތެއް ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މިޝިގަންގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަކީ ރިޝްވަތަށް ވިކޭ ނުވަތަ ރިޝްވަތު ބަލައިގަންނަ ޤައުމެއް ނޫން ކަމުގައެވެ. އަދި، އެމެރިކާއިން ބޭނުންވާ ކަންކަން ހާސިލުކުރުމަށް އޮތް ހަމައެކަނި މަގަކީ ހަނގުރާމަ ކުރުން ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، އީރާނުން ބުނީ މެދުވެރިންގެ އެހީތެރިކަމާއެކު ތެހްރާނާއި ވޮޝިންގޓަނާ ދެމެދު މެސެޖުތައް ބަދަލު ކުރެވެމުންދާ ކަމުގައެވެ. ނަމަވެސް ސުލްހައިގެ މަޝްވަރާތަށް އަލުން ފަށަން ތެހްރާނުން އެދިފާ ނުވާކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅީގެ ބެލެހެއްޓުމާ ގުޅޭގޮތުން އެއްވެސްކަމެށް ބަދަލުވެފައި ނުޥާކަމަށެވެ. އެންމެ ފަހުގެ ހަމަލާތައް ދެ ޤައުމުން މެދުކަނޑައިލުމާއެކު، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދިޔަ ތެލުގެ އަގުތައް ވެސް ވަނީ ދަށްވާން ފަށާފައެވެ. މި ގޮތުން، އަގު ކަނޑައެޅުމުގައި ބަލާ ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު ވަނީ %9.31 ވެއްޓި، 87.77 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު ވެސް ވަނީ އުފުލެން ފަށާފައެވެ. މި ގޮތުން، ޖުލައި 24 އާއި 26 އާދެމެދު 29 އުޅަނދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމުގައި، ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ މެރިން ޓްރެފިކް ކުންފުނިން ބުނެއެވެ. ނަމަވެސް، ޔަމަންގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުގެ ސަބަބުން މަސްރަޙު އިތުރަށް ނުތަނަވަސްވުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. ހުޅަނގުން ބަލައިނަގެފައިވާ ޔަމަނުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ އަފްރާޙް އަލް-ޒޫބާ ވިދާޅުވީ، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރި ފަދައިން، ރަތް ކަނޑާއި ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރުމަށް ޙޫޘީން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތުމުގެ ސަބަބުން އެ ޖަމާޢަތަށް ހިތްވަރު ލިބެމުންދާ ކަމުގައެވެ.

"މި ހަނގުރާމަ މިހާރު ނިމުމަކަށް އަންނަންޖެހޭ، އެއީ ޞުލްޙަވެރި މަގުން ނަމަވެސް، ނުވަތަ އެހެން ގޮތަކުން ނަމަވެސް،" ޒޫބާ ވިދާޅުވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ތާޢީދު ވެސް އޮތް ޔަަމަނުގެ ސަރުކާރާއި އަސްކަރިއްޔާއިން ޙޫޘީންނާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ސަރަޙައްދީ ރޮނގު ކައިރީގައި ކޮންމެ ވެސް ވަރަކަށް ހަމަލާތައް ބަދަލުކުރެމުން ދިޔަ ނަމަވެސް، ދެ ފަރާތުން ހަނގުރާމަ ފަށާފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.