ޚަބަރު

"ޕާކިން ބިލްޑިންތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ"


  • ރައީސް ވިދާޅުވީ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަމަށް

  • މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްގީކުރާނެ

މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަރައްޤީކުރާ ޕާކިންގ ބިލްޑިންތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕީއެސްއެމްނިއުސްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަގުތަކުގައި ޕާކު ކުރާ ގޮތާއި ގުޅޭގޮތުން އަމަލީ ގޮތުން ތަންފީޒުކުރާނީ މި އޮފީހުގެ ދަށުން. ޕާކު ކުރާ ގޮތް ޕިޒިކަލީ ގެންނަ ބަދަލުތަކާއި ޕާކިން ބިލްޑިން އެޅުންވެސް މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި މާލޭގެ ބައެއް ބިންތައް ހަމަޖައްސާފައި . އެތަންތަނުގައި އިމާރާތްތައް އަޅަން ސަރުކާރުން ވަރަށް އަވަހަށް ފަށާނެ. މާލޭގައި ދެ އިމާރާތެއް އަޅާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މާލޭގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައާއި ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އުފެއްދި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެ އޮފީސް އުފެއްދެވީ އައު މުވައްޒަފުން ނަގައިގެން ދައުލަތުގެ ހަރަދު ބޮޑުކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރާނީ މިހާރުވެސް އެކި މުއައްސަސާތަކުގައި އެ ދާއިރާއިން މަސައްކަތް ކުރަމުންދާ ތަޖުރިބާކާރު މުވައްޒަފުން ކަމަށާއި އިތުރަށް ނަގަންޖެހޭނީ ވަރަށް މަދު މުވައްޒަފުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި އޮފީހަށް ގާނޫނީ ފުރިހަމަ ބާރުވެރިކަން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މި އޮފީހުގެ ދައުރާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ތަންފީޒުކޮށް ބެލެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު މި އޮފީހަށް އޮންނާނެ ކަމަށެވެ. އަދި މަގުތަކުގެ ރައްކާތެރިކަމާއި ޓްރެފިކް މެނޭޖްކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ނިންމުމުގެ ބާރުވެސް އެ އޮފީހަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޕާކިން މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ މިއަހަރުގެ މާރިޗްމަހުގެ ތެރޭގައި ވަނީ އަޅާފައެވެ. މި އިމާރާތަކީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ. ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. އެގޮތުން 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 600އަށްވުރެ ގިނަ ޖާގައާއި 500އަށްވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނެއެވެ. މި އިމާރާތަކީ ފުރިހަމަ، ޒަމާނީ ޕާކިން އިމާރާތެކެވެ.

މި އިމާރާތުގައި ޕާކިން ސްޕޭސް ތަރައްޤީކުރަނީ، އިމާރާތަށް އަރަ ފޭބުމަށް ރޭމްޕްގެ އިތުރުން، ވެހިކަލް އެލިވޭޓަރވެސް ހިމެނޭގޮތަށެވެ. އަދި އިމާރާތުގެ ޓްރެފިކް ފްލޯ ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށެވެ. މި އިމާރާތުގައި ވެހިކަލް ޕާކިންގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި އަދި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނެއެވެ.