ޚަބަރު

ޓްރާންޝިޕްމަންޓް ކާގޯ އޮޕަރޭޝަނުން ވީއައިއޭއަށް އައު ރެކޯޑެއް


  • ޓްރާންޝިޕްމަންޓް ކާގޯގެ އަދަދު 2,000 ޓަނަށްވުރެ މަތި

  • ސީ-ޓު-އެއާ ޚިދުމަތުން 621 ޓަނުގެ މުދާ ފޮނުވާފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން ތާރީޚީ އައު ރެކޯޑެއް ގާއިމުކޮށްފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހާމަކުރައްވައިފިއެވެ.

އެމްއޭސީއެލުން ވިދާޅުވީ، މިދިޔަ މަހަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ރާއްޖެއިން ބޭރަށް ފޮނުވި މަސް ކަމަށެވެ. އަދި މިއީ ސީ-ޓު-އެއާ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަަށެވެ.

އެމްއޭސީއެލުން ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު 2,000 ޓަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. މިއީ، އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މަހެއްގެ މައްޗަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ. އަދި މި ނަތީޖާއާއެކު މީގެ ކުރިން ވީއައިއޭއިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މުގުރާލާފައިވާކަމަށް ވިދާޅުވިއެވެ.

ޚާއްސަކޮށް ސީ-ޓު-އެއާ ޚިދުމަތުން ހޯދާފައިވާ ކުރިއެރުން އެ ކުންފުނިން ފާހަގަކުރެއްވިއެވެ. އެމްއޭސީއެލުން ހާމަކުރެއްވި ގޮތުގައި، މިޚިދުމަތުން އެކަނިވެސް ޖުލައި މަހު 621 ޓަނުގެ މުދާ ފޮނުވާފައިވެއެވެ. މިއީ، ސީ-ޓު-އެއާ ޚިދުމަތް ރާއްޖޭގައި ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރުކަންވެސް އެމްއޭސީއެލުން ފާހަގަކުރައްވައެވެ.

މި ކުރިއެރުންތަކުން ދައްކުވައިދެނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިޔާއާއި ޔޫރަޕުގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާކަން ކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.