ރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުންގެ ދައުރު ފާހަގަކޮށް އެކަމަށް ދޭން ނިންމާފައިވާ "އިންޖިނިއަރިން އެވޯޑް" ދިނުމާ ގުޅޭ އުސޫލު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ. މި އެވޯޑަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިން ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.
މީގެއިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އިޖާދީ އިންޖިނިއަރިންގގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުންވެސް ހިމެނެއެވެ.
މި އެވޯޑު ދިނުމަށް 10 ގިންތިއެއް ވަނީ ކަނޑައަޅާފައެވެ.
* އިންޖިނިއަރ އޮފް ދަ އިޔަރ
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
* ޔަންގް އިންޖިނިއަރ އެވޯޑު
* ވިމެން އިން އިންޖިނިއަރިންގ އެވޯޑު
* އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
* ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
* އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
* ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
* ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު
ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
* ސަރުކާރު އިދާރާތައް / މުއައްސަސާތައް
* ސަރުކާރު ހިއްސާވާ ކުންފުނިތައް
* އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް
* ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން
* މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް
* ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް
މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކަށްވެސް ހުށައެޅޭނެއެވެ.
މި އުސޫލުގެ ދަށުން އެވޯޑަށް އެދި ނަން ހުށަހަޅާ ކޮންމެ ނޮމިނޭޝަނަކަށް ކަނޑައެޅިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުށަހަޅަންވާނެއެވެ.
މި އެވޯޑަށް ކުރިމަތިލާ އިންޖިނިއަރުންގެ ހުށައެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.