ޚަބަރު

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީކުރަނީ


  • މި މަޝްރޫޢު ސެޕްޓެމްބަރު މަހު ފެށުމަށް ދަނީ މަސައްކަތް ކުރަމުން

  • މާލެ ސަރަޙައްދުގެ އާބާދީ އިތުރުވާތީ ކަރަންޓުގެ ޑިމާންޑުދަނީ އިތުރުވަމުން

  • ގުޅިފަޅުގައި 200 މެގްވޮޓުގެ އިންޖީނުގެއެއް ތަރައްޤީކުރާނެ

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ އިތުރުންވެސް މާލެ ސަރަޙައްދުގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް މަޝްރޫޢުތައް ހިންގުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ އާބާދީއަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިއާއެކު އެންމެ ފުރަތަމަ ޑިމާންޑު އިތުރުވާ އަސާސީ އެއް ޚިދުމަތަކީ، ކަރަންޓުގެ ޚިދުމަތެވެ. އެހެންކަމުން އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށް މިސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޢަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އަޕްގްރޭޑްތައް ހުރި ކަމަށެވެ.

"މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް އެޑްރެސް ކުރުމަށް މިހަދަން ޖެހެނީ، ހައި ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން އެއިން ކަރަންޓު ފޯރުކޮށްދެނީ، އެހެންނަމަވެސް އަންނަ އަހަރު އަދި 2028 ގައި ޕީކް ސީޒަނަށް ތައްޔާރުވުމަށް ޕްލޭން ކުރެވިފައި މިއޮތީ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ތަރައްޤީ ކުރުމަށް." ޑރ.އަޒުވަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިޔުމާއެކު ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭނެކަމަށް އަންދާޒާ ކުރެވޭތީ އިތުރު މަޝްރޫޢުއެއްގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޑރ.އަޒުވަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ގާތްގަނޑަކަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ އިންޖީނުގެއާއި އިންވެގެން ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި 70 މެގަވޮޓްގެ އިތުރު އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިއާއެކު ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުކުރެވޭނެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޑރ.އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ އިންޖީނުގެއާއި އިންވެގެން ކުރިއަށްގެންދާ މަޝްރޫޢަކީ، ކުރިން ސަރުކާރުން ސިކްސްތު ޕަވަރ ޕްރޮޖެކްޓުގެ ގޮތުގައި 100 މެގަވޮޓުގެ މަޝްރޫޢެއް ތަރައްޤީކުރަން ހަމަޖައްސާފައިވާ މަޝްރޫޢެކެވެ. ނަމަވެސް އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހު ސަރުކާރުން ވަނީ، ސިކްސްތު ޕަވާގެ މެގަ ޕްރޮޖެކްޓު އިތުރު 100 މެގަވޮޓާއެކު ޖުމްލަ 200 މެގަވޮޓުގެ މަޝްރޫޢަކަށް އިތުރުކޮށް އެމަޝްރޫޢު ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައެވެ.