އއ. އުކުޅަހުން އިތުރު 2 ހެކްޓަރުގެ ބިން ހިއްކައި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަސްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކާއި އެއްގޮތަށް އެކި މަރުހަލާތަކުގައި އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެރަށުގައި މިހާރު ހިއްކާފައިވާ ބިމަށް 2 ހެކްޓަރު އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އުކުޅަހަކީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ރަށަކަށްވުމުން ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އީއައިއޭ މަސައްކަތްތަކެއް ނިންމާލުމަށްފަހު ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ.
އުކުޅަހެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ތަރައްޤީގެ މަސައްކަތް ކުރިއަށްދާކަމަށާއި، ވޭތުވެ ދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރުޢޫތަކާއި ބޯހިޔާވަހިކަމުގެ އެތަކެއް މަޝްރޫޢުތަކެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދަވަނީ، ވެރިކަމާއި ހަވާލުވިއިރު އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅު ނަގުމަށްކ ކުރައްވާ މަސައްކަތްތަކާއެކުކަމަށެވެ.
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކުރުމަށާއި ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމަށާއި މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުހަދައިދިނުމަށް ކައުންސިލްގެ ފަރާތުން އެދުނެވެ. އަދި، ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިކަން، މި ބައްދަލުކުރުމުގައި ކައުންސިލަރުން ހިއްސާކުރެއްވިއެވެ.
2023 ވަނަ އަހަރު ވަނި އުކުޅަހުން 13 ހެކްޓަރުގެ ބިން ހިއްކާފައެވެ. 21 ހެކްޓަރުގެ އުކުޅަހުގެ އާބާދީއަކީ 1200އިން މައްޗަށް އަރައެވެ. އުކުޅަހަކީ ރަށުގެ ބިން ފުރި، ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ރަށެކެވެ. ގޯތި ދޫނުކުރާތާ 25 އަށްވުރެ ގިނަ އަހަރުވެފައިވާ އުކުޅަހުގައި މިވަގުތުވެސް އަމިއްލަ ގޯއްޗެއް ބޭނުންވާ އެތަކެއް ޢާއިލާ އެބަތިއްބެވެ.
ބިންހިއްކުމުގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޭނުންވި މަޝްރޫޢުއަށްވާއިރު ބިމުގެ ފައިދާ ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް ބިން ބޭނުންކުރާނެއެވެ. ހިއްކި ބިމުން ގޯތި ދޫކުރާއިރު ސަރުކާރުން މިހާރު ވަނީ އެރަށުގައި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.