ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި މިމަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާކަމަށެވެ. މިތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި. pic.twitter.com/b6s7PzTWpi
— Maldives Customs Service (@CustomsMv) August 6, 2026
ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖޫންމަހުވެސް އެކި ފަހަރުމަތިން ޖުމްލަ 28637 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި، އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ.