ޚަބަރު

ޗާލު ދިވެހިރާއްޖެ އެވޯޑް: އިވެލުއޭޝަން ދަތުރުތައް ފަށައިފި


  • 11 އަތޮޅަކުން 14 ރަށް ވަނީ ދެވަނަ ބުރަށް ހޮވިފައި

  • އެރަށުގެ ތަންތަން ބެލުމާއި އާންމު ރައްޔިތުންނާއި ވާހަކަ ދައްކާ މައުލޫމާތު ހޯދާނެ

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް"ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ފަށައިފިއެވެ. މި ދަތުރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބްއާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން މި އެވޯރޑް ފަނޑިޔާރުކަންކުރާ ފަރާއްތަކުން ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި، ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑަށް 7 ކެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވެއެވެ. އަދި 11 އަތޮޅަކުން 14 ރަށް ވަނީ ދެވަނަ ބުރަށް ހޮވިފައެވެ.

"ޗާލު ދިވެހިރާއްޖެ އެވޯޑް"ގެ ރަށްރަށުގެ އިވެލުއޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޕްރޮޖެކްޓް ލޭންޑް އެންޑް ޑިވެލޮޕްމަންޓު ޑިޕާޓްމަންޓުގެ ބިޒްނަސް ޑިވެލޮޕްމަންޓު އެގްޒެކެޓިވް އައިޝަތު ލިވާ ޒިޔާދު ވިދާޅުވީ އިވެލުއޭޝަން ދަތުރުގައި ދެވަނަ ބުރަށް ހޮވިފައިވާ 14 ރަށަށް ޒިޔާރަތް ކުރާނެކަމަށެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުން ގުރައިދޫއަށް ޒިޔާރަތްކޮށްފައިވާއިރު މި ޒިޔާރަތުގައި އެރަށުގެ ތަންތަން ބެލުމާއި އާންމު ރައްޔިތުންނާއި ވާހަކަ ދައްކާ މައުލޫމާތު ހޯދާނެކަމަށެވެ.

މުޖުތަމަޢުގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައ،ި މިއެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އެކި ކެޓަގަރީތަކުގެ ނަތީޖާ ވަޒަންކުރާނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށްކަމަށް ލިވާ ވިދާޅުވިއެވެ. އަދި އެކިއެކި ކެޓަގަރީތަކަށް މާކްސްދިނުމާއި ފެންވަރު ވަޒަންކުރާނީ އެކެޓަގަރީއަކާ ގުޅޭ ތަޖްރިބާކާރުންނާއި މުސްތަޤިއްލު ފަރާތްތައް ފަނޑިޔާރުންގެ ގޮތުގައި ކަނޑައަޅައި އެފަރާތްތަކުގެ އެހީގައެވެ. މި މަސައްކަތުގައި ޕީއެސްއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނެކަމަށް ލިވާ ވިދާޅުވިއެވެ.

މިއެވޯޑުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ވަނީ ހޮވާފައެވެ. ފުރަތަމަ ބުރުން ހޮވޭ 5 ރަށަށް ފަނޑިޔާރުންގެ ޕެނަލުން ޒިޔާރަތްކުރާނެއެވެ. އަދި ފައިނަލް ސްކޯގެ ފަސްދޮޅަސް އިންސައްތަ އެކުލެވިގެންވާނީ އެ ބޭފުޅުންގެ ފްރޮފެޝަނަލް އިވެލުއޭޝަންއެވެ. ދެ ވަނަ ރައުންޑަށް ކޮންމެ ކެޓެގަރީއަކުން ހޮވޭ 5 ރަށަށް އާންމުންގެ ވޯޓަށް ކަނޑައެޅިފައިވަނީ ސާޅީސް އިންސައްތައެވެ.

ފުރަތަމަ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން ހޮވިފައިވާ އެންމެ ގަދަ ފަސް ރަށް:

އެންމެ ހިތްގައިމު ރަށު މަންޒިލް

* ރ. ރަސްގެތީމު - ކަނޑު ޖެޓީ
* ހދ. ނައިވައިދޫ - ނައިވައިދޫ ހޮހޮޅަ
* އއ. މަތިވެރި - މަތިވެރި ފިނޮޅު
* ލ. ހިތަދޫ - ހިތަދޫ ކުޅި
* އދ. ދަނގެތި - ހަނދު ދަގެތި

ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް

* އއ. އުކުޅަސް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* އދ. ދިގުރަށް
* އދ. ދަނގެތި

ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް

* އއ. މަތިވެރި
* ބ. ކުޑަރިކިލު
* ދ. ރިނބުދޫ
* އއ. އުކުޅަސް
* ވ. ކެޔޮދޫ

ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް

* އއ. އުކުޅަސް
* ބ. ކުޑަރިކިލު
* އދ. ދަނގެތި
* އއ. މަތިވެރި
* ފުވައްމުލައް ސިޓީ

އެންމެ އެކުވެރި މުޖުތަމަޢު

* ހދ. ނައިވައިދޫ
* ބ. ކުޑަރިކިލު
* އއ. އުކުޅަސް
* އއ. މަތިވެރި
* ވ. ކެޔޮދޫ

އެންމެ ރީތި ގޮނޑުދޮށް

* ކ. ގުރައިދޫ - ގުރައިދޫ ބީޗް
* ޅ. ހިންނަވަރު - ހިންނަވަރު ރީތި ބީޗް
* އއ. އުކުޅަސް - އުކުޅަސް ނެޗުރަލް ބީޗް
* އއ. މަތިވެރި - މަތިވެރި ބީޗް
* އދ. މަންދޫ - މަންދޫ ތުނޑި

ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބި ކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަން ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަށް ތަޢާރަފް ކޮށްފައިވާ އެވޯޑެކެވެ. ރަށްރަށުގެ ކާމިޔާބީ ފާހަގަކޮށް، އެކަންކަން ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑު ތަޢާރަފް ކުރުމުގެ މަޤްސަދެކެވެ.