ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތުއަކީ ޤައުމުގެ މުސްތަޤުބަލަށް ބޭނުންވާ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޑް ރެޕްރެންޒޭޓިޓިވް އަދުދާން ޗީމާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ހުނަރު ތަރައްގީ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ޕްރެކްޓިސްފޯ ޔޫތު ޕާލިމެންޓުގެ 6 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
މި މިމަހުގެ 1އިން 8ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ކަންކަމާއި ކުރިމަތިލުމާއި، ވާހަކަ ދެއްކުމުގެ ހުނަރު ފަދަ ބޭނުންތެރި އެތައް ހުނަރެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގައި ބޭނުން ހިފޭފަދަ އުކުޅުތަކާއި، ކްރިޓިކަލް ތިންކިންއާއި ޤައުމިއްޔަތާއި، ސިޔާސަތުތަކާއި ގުޅުން ހުރި މައުލޫމާތުތައް އެއްކުރުމާއި، އެކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގައި ބަލަންވީ ކަންކަން ބައިވެރިންނަށް މިހާރު އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމާއި، ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތް ތަޖުރިބާކުރަން ލިބުމަކީ ޤައުމުގެ ކަންކަމާއި މެދު ވިސްނުމަށާއި، ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުން ބައިވެރިވުމަށް ލިބޭ ހިތްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަޖިލީހުގައި ވެސް މެމްބަރުން ދައްކާނެ ވާހަކަތައް މެމްބަރުންވެސް މި ޕްރޮގްރާމުގައި ދައްކަނީ. މެމްބަރެއްގެ ފައިވާނަށް ބައިވެރިންނަށް މި އެރެނީ. މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް." ޔޫއެންޑީޕީއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޑް ރެޕްރެންޒޭޓިޓިވް އަދުދާން ޗީމާ ވިދާޅުވިއެވެ.
38 ބައިވެރިންނާއިއެކު ފެށި މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމެވެ. މި ޕްރޮގްރާމުގެ ބައިވެރިން ފާހަގަކުރި ގޮތުގައި މިއީ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އަދި މިއީ ޒުވާނުންނަށް ކަންކަމުގައި ޝާމިލުވެ އުޅުމުގެ މުހިންމުކަން ބުނެދިނުމަށާއި، ޒުވާނުން ބާރުވެރި ކުރުވުމަށް މުހިންމު ޕްރޮގްރާމެއްކަން ބައިވެރިން ފާހަގަކުރެިއެވެ. ހަމައެހެންމެ ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ޒުވާނުން ކުރިމަތިލުމަށް އޮންނަ ޝައުގުވެރިކަން މި ޕްރޮގްރާމްގެ ސަބަބުން އިތުރުވާނެ ކަމަށް ބައިވެރިން ބުނެއެވެ.
މިއީ، ޕްރެކްޓިސް ޕާލިމެންޓުގެ 14 ވަނަ ޕްރޮގްރާމެވެ. އޭގެތެރެއިން މިއީ، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރެކްޓިސް ޕާލިމެންޓުގެ 6 ވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ޑިމޮކްރަސީއާއި ސިޔާސީ ނިޒާމާއި، މަދަނީ ތައުލީމާއި، ދިމިގުރާތީ މުޖުތަމައެއްގައި ރައްޔިތުންގެ ހައްގުތަކާއި ޒިންމާތަކާއި ގުޅޭގޮތުންނެވެ.