ޚަބަރު

ނ. މާޅެންދޫއާއި ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި


  • ދެ ރަށުގެ ޕާކުވެސް ތަރައްޤީކުރީ ފެނަކައިން

  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަކީ ސަރުކާރު އަމާޒެއް

ނ. މާޅެންދޫ އަދި ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައި، ބޭނުން ކުރަން ފަށައިފިއެވެ.

ނ. މާޅެންދޫ އަދި ކުޑަފަރީ ކުޑަކުދިންގެ ޕާކު ތަރައްޤީކޮށްފައިވަނީ ފެނަކައިންނެވެ.

ނ. ކުޑަފަރީ ޕާކް ހުޅުވައި ދެއްވީ، މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސާލިމެވެ.

މި ރަސްމިއްޔާތުގައި ކުޑަފަރީ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

މާޅެންދޫގައި ފެނަކައިން ތަރައްޤީކުރި ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދުގެ އިތުރުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ސާލިމެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްުޔާތުގައި މާޅެންދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

ކުޑަފަރީ އަދި މާޅެންދޫގައި ތަރައްޤީކޮށްފައިވާ ޕާކުގެ މަސައްކަތް ފެނަކަ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ ދަށުން، ޕާކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި ލޭންޑްސްކޭޕިން މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

ސަރުކާރު ޚަރަދުގައި ނ. އަތޮޅުގެ ދެ ރަށެއްގައި ކުޑަކުދިންގެ ޕާކު ހުޅުވާފައިވާއިރު، މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަމުންދާ މަޝްރޫޢުތަކަކެވެ.

ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ދެ މަޝްރޫޢޫއަކީވެސް، ރަށުގެ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅިވަރު ކުޅެ، އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ ތަންތަނެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމެވެ. އަދި މިމަޝްރޫޢުގެ ދަށުން ޕާކުތައް މިއަހަރުގެ ނިޔަލަށް ތަރައްޤީކޮށް ނިންމާލުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.