ދެކުނު ޣައްޒާގެ އިރުމަތީ ރަފަޙްގެ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއް އާރާސްތުކުރުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރާއި ދިފާޢީ ވަޒީރު އިސްރާއިލް ކެޓްޒް ނިންމައިފިއެވެ. އެ ކަން ޔަހޫދީ ސަރުކާރުން އާންމުކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ނަތަންޔާހޫއާއި ކެޓްޒް ނިންމާފައި ވަނީ ރަފަޙްގެ ސަރަޙައްދެއް ކަމަށްވާ “ގްރީން ރަފަޙް”ގައި އިމާރާތްކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް، ޙަމާސްގެ ބާރުގެ ދަށުގައި ނެތް ސަރަަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރު ބިނާ ކުރުމަށެވެ. ގްރީން ރަފަޙްއަކީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ.
ޔަހޫދީން މިހާރު ވަނީ އެ ސަރަޙައްދުގެ ފަސްގަނޑު އެއްވަރުކޮށް, އެއްކޮށް ސާފުކޮށް ހުސްކޮށްފައެވެ. އެ ސަރަޙައްދުގައި ހިނގާނީ ޣައްޒާގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަލާމަތީ ފައުޖުގެ ބާރެވެ. އެ ސަރަޙައްދުގައި އިމާރާތް ކުރުމުގެ ޙުއްދަ ދިނުމާއެކު ކޮންްޓްރެކްޓަރުންނާއި މަސައްކަތްތެރިންނަށް އެ ސަރަޙައްދަށް ވަދެ ކޮނުމާއި ކަރަންޓާއި ފެނާއި ނަރުދަމާ ޤާއިމްކުރުން ފަދަ މަސައްކަތްތައް ކުރެވޭނެ ކަމަށްވެއެވެ. އެ މަސައްކަތްތައް ކުރާނީ ޣައްޒާގެ ރައްޔިތުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެ މީހުންގެ ސަލާމަތީ ސްކްރީނިންގ މިހާތު ކުރިއާސްދާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޔަހޫދީން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ހަމަލާތަކުގައި ޔަހޫދީން ވަނީ ޣައްޒާގެ 73،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައި 174،000އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ 90އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިވެ ބިމާ ހަމަވެފައެވެ.