މިހާރު ކުރަމުންދާ ވިއްސާރައިގެ މިރެއިން ފެށިގެން މާދަމާ ހެނދުނާހަމައަށް ރާއްޖޭގެ ބޮޑުބަޔަަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ރޭގަނޑު 23:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިގެ ބާރުމިނަށް ބަލާލާއިރު ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
White Alert issued from Haa Alif Atoll to Laamu Atoll. pic.twitter.com/YQCV9HdgoO
— Maldives Meteorology (@MetMaldives) August 11, 2026
ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހުކުރު ދުވަހާ ހަމައަށް ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2-5 އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.