ޚަބަރު

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އަލުން އިޢުލާންކޮށްފި


  • ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަސް

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 10ވަނަ ދުވަސް

  • ކޮންޓްރެކްޓަރު ހޮވުމުގައި މިފަދަ މަޝްރޫއުތައް ހިންގާފައިވާ ފަރާތްތަކަށް އިސްކަންދޭނެ

ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އަލުން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ވާގޮތުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 އެވެ. އަދި މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރުމަހުގެ 10 ވަނަ ދުވަހެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ކޮންޓްރެކްޓަރު ހޮވުމުގައި، މީގެ ކުރިން އެފަދަ މަޝްރޫއުތައް ހިންގާފައިވާ ފަރާތްތަކަށާއި، 50 މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. އަދި މި ކޮންޓްރެކްޓުގެ ދަށުން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ޝަރުތުކޮށްފައެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކުރި މިއީ ދެވަނަ ފަހަރެވެ. މި މަސައްކަތަށް އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ފަހަރު މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެއެވެ.

މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ 'ބޭބީ ކެއަރ' ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބޭނެއެވެ.

އޮކްޓޫބަރު 17، 2012 ގައި ހުޅުވާ، މިހާތަނަށް ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަމުން އައި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިއަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި އެއާޕޯޓަކީ މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓަށް ވުރެ ގިނަ ފްލައިޓް ޖައްސާ، ބާރުބޮޑު އެއާޕޯޓެކެވެ. އެއާއިއެކު، މި އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެކެވެ.