ޚަބަރު

އަމާޒަކީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ފަންޑުކުރާ މީހުން ހޯދުން


  • ފައިސާއާ ގުޅުންހުރި 25 މައްސަލައެއް ދަނީ ބަލަމުން

  • ޑްރަގް ނެޓްވޯކުތަކުގެ 3 މައްސަލަ ބަލަމުންދޭ

ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދި އާއިލީ ގުޅުންތަކަށް ބުރޫއަރައި ޒުވާން ޖީލުތައް ހަލާކުވަމުންދާ އެންމެ ބޮޑު އެއް ވަބާއަކީ، މަސްތުވާތަކެތީގެ މައްސަލައެވެ. ހިތާމައަކީ، ޒަމާނުންސުރެ ރާއްޖެއަށް ކުރިމަތިވެފައިވާ މި ބޮޑު މައްސަލައިގައި މިއަދު އެންމެ ދޮށީ އުމުރު ފުރާގެ މީހުންނާއި ކުޑަކުދިންވެސް ޖެހެމުންދާ ކަމެވެ. މިއީ، ޤައުމީ ފެންވަރުގައި ހައްލެއް ބޭނުންވެފައިވާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ޤައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމާގުޅޭ އިދާރާތަކުން ވަނީ، މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ދުވަސްތަކެކެވެ. މި މުއްދަތުގެ ތެރޭގައި މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަންތަކުގައި 144 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ 1,875 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ޑްރަގް އެންފޯސްމަންޓުން ވިދާޅުވާ ގޮތުގައި ކޮންމެ ކުއާޓާއެއް ނިމުމުން ހަދާ ރިވިއުތަކަށް ބަލައި އޮޕަރޭޝަންތައް ރޭވުމުގެ ސަބަބުން މިހާރު މި ދާއިރާގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ފައިސާއާ ގުޅުންހުރި ތަހުގީގުތައް ފުޅާކުރުމެވެ.

ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދު ވިދާޅުވި ގޮތުގައި ކޮންމެ ޓްރެފިކިން މައްސަލައެއް ތަހުގީގު ކުރާއިރު، އެއީ ފައިނޭންޝަލް އިންވެސްޓިގޭޝަނެއް ހިންގަންޖެހޭ މައްސަލައެއްތޯ ބަލައި އެ މަސައްކަތް މިހާރުވަނީ ހުރިހާ ދިމާލެއްގައިވެސް ފަށާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް މިހާރު ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާއިރު، ފައިސާއާ ގުޅުންހުރި 25 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ޑްރަގް ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ 3 މައްސަލައެއް ތަހުޤީގުކުރަމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"މީގައި މިހާރު އަޅުގަނޑުމެން ތަރުތީބު ކުރެވިފައިވަނީ، މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލައެއްގެ ތަހުގީގު ކުރެވޭކަމަށް ވަންޏާއި އެއީ ތަހުޤީގުގެ ތެރެއިން ފައިނޭޝަލް ކުރިއަށް ގެންދަންޖެހޭ ތަހުޤީގެއްތޯ، ބެލުމަށްޓަކައި ބަލައި އެކަން މިއޮތީ ހުރިހާ ދިމާލެއްގައިވެސް ފެށިފައި." ވަހީދު ވިދާޅުވިއެވެ.

ފާއިތުވި 7 މަސް ދުވަހު (ޖަނަވަރީ 1އިން ޖުލައި 31ގެ) ތަފާސްހިސާބުތަކަށް ބަލާއިރު:

ޖުމްލަ 1,141 އޮޕަރޭޝަން ހިންގި.
23,249 މީހުންނާއި، 7,309 ތަންތަން ބަލައި ފާސްކުރި.
144.341 ކިލޯގެ މަސްތުވާތަކެއްޗާއި 1,856 ފުޅި ބަނގުރާ އަތުލައިގަތް.
1,533 މައްސަލަ ތަހުގީގުކޮށް، 634 މައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުނު

ޑްރަގް އެންފޯސްމަންޓް ޔުނިޓުން އަތުލައިގަތް ތަކެތީގެ މަގުމަތީގެ އަގު 121 މިލިއަން ރުފިޔާ އަށްވުރެ ގިނަކަމީ މި ވިޔަފާރީގެ ނުރައްކާތެރިކަން ހާމަވާ ކަމެކެވެ.

މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގެނައި މި އިޞްލާޙު 6 އޭޕްރީލްއިން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. މި ޤާނޫނުގެ ދަށުން 350 ގްރާމަށްވުރެ ގިނަ ކެނެބިސް، 250 ގްރާމަށްވުރެ ގިނަ ޑައިފޯމިން އަދި އެހެން ބާވަތްތަކުން 100 ގްރާމަށްވުރެ ގިނަނަމަ މަރުގެ އަދަބު ދެވޭނެއެވެ.

އަދަބުތައް ހަރުކަށި ކުރުމުގެ އިތުރުން، މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. އަމާޒަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމާއި، މި ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމެވެ.