ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އަދިވެސް 100އެއްހާ ފަމަސިސްޓުން ބޭނުންވާކަމަށް ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ މިހާރު އެ ކުންފުނީގައި ތިބި ފާމަސިސްޓުންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ.
ޑރ. ޝަހް މާހިރު ވިދާޅުވީ ބޭސް ދޫކުރުމަށް އެ ކުންފުނީގެ ފާމަސީތަކުގައި ތިބި ފާމަސިސްޓުންގެ އަދަދު އަދިވެސް މަދުކަމަށެވެ. އަދި އެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި 100 އެއްހާ ފާމަސިސްޓުން ބޭނުންވާކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. ފާމަސިސްޓުން ހޯދުމަށް މަސައްކަތް ކުރިނަމަވެސް މިފަހުން ކުރި އިޢުލާނުތަކަށްވެސް މާބޮޑު ތަރުޙީބެއް ލިބިފައި ނުވާކަމަށާއި ރާއްޖެއިން ބޭރުންވެސް ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ހުރި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެން ފާމަސިސްޓުން ތަމްރީންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ކަން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވަމުންދާކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.
"ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަޤީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ."ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ފަމަސިސްޓުންނާއި ކްލިނިކަލް ފާމަސިސްޓުންގެ އިތުރަށް ޑޮކްޓަރުންގެވެސް އެއްބާރުލުން ބޭނުންވާނެކަމަށެވެ. އަދި ފާމަސިސްޓުންނަަށް މިހާރު ދޭ މުސާރަވެސް އިތުރަށް ރިވިއުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ފާމަސިސްޓުންގެ އިތުރަށް ލޮޖިސްޓިކްސްގެ ކަންކަން ކުރަމުންދާ މުވައްޒަފުންނަށްވެސް ކަމާގުޅުން ހުރި ތަމްރީންތަކެއްވެސް ކުރިއަށްގެންދަންޖެހޭކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެގޮތުން ބޭސް ގުދަނުގެ މަސައްކަތްތައް ހަލުވިކޮށް ބޭސް ފޮނުވުމުގެ މަސައްކަތްތައް ކުރާ މީހުންނަށް ތަމްރީން ދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބޭހުގެ ކޮލިޓީ ކަށަވަރު ކުރުމަށްޓަކައި ހަރަކާތްތެރިވާނެ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތްތަކާއި އެމީހުންނަށް ބޭނުންވާ އިތުރު ތަމްރީން ދިނުމާއި ބެނުންވާ ޓެކްނިކަލް މީހުން ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރަމުން އަންނައިރު 193 ފާމަސީއަކުން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ރައްކާތެރިކަމާއެކު ބޭސް ފޮނުވާ ރައްކާކުރާނެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނައިރު މިކަމުގައި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ގުޅިގެން މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.