ތ.ވޭމަންޑޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
އާރްޑީސީން ވިދާޅުވީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ތ. ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ވޭމަންޑޫ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ މައި 7 މަގު ތަރައްޤީ ކުރާނެއެވެ. އެއީ، އެރަށުގެ މުހިންމު މުވައްސަސާތައް ހުންނަ މަގުތަކާއި، ރަށުގައި އާއްމުކޮށް ބޭނުންކުރާ މަގުތަކެވެ. ޖުމުލަ 3.99 ކިލޯ މީޓަރުގެ މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަޝްރޫޢަށް 86.7 މިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން މަގު ހެދުމުގެ ސަރވޭތައް ކުރުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ތާރު އެޅުމާއި، މަގުތަކުގެ ފިނިޝިންގެ މަސައްކަތްތަކާއި މަގުގައި ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ، 2 އަހަރުގެ މުއްދަތުންނެވެ.
1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑުއަކީ، ސަރުކާރުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ރަށެކެވެ.
މިމަސައްކަތްތަކުގެ ތެރޭގައި ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެ ދެމެދުގައި އޮންނަ ފަޅުރަށް "އެލާ" ފަތުރުވެރިކަމަށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ނިންމުމާއި، އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުން ހިމެނެއެވެ.
މީގެ އިތުރުން އެރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި 1200 މީހުންނަށް ބަލަން ވަދެވޭ ކެޕޭސިޓީގެ، ސްޓޭޓް އޮފް ދި އަރޓް ސްޕޯޓްސް ކޮމްޕްލެކްސް އެއްވެސް ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ.