ޚަބަރު

ތިމަރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި


  • މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާ

  • މިއީ 75,704,226.92 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ތ. ތިމަރަފުށި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 2019 ވަނަ އަަހަރުގެ ޑިސެންބަރު މަހުގެ 31 ގައެވެ. މިއީ، 75,704,226.92 މިލިޔަން ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރި މަސައްކަތެކެވެ.

އާރުޑީސީން ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ތ.ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައި، މިހާރު ބާރު ދުވެލީގައި ކުރަމުންދާ ކަމަށެވެ.

ތިމަރަފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ޖުމުލަ 4 ކިލޯމީޓަރުގެ 7 މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑު މާރކިން އަދި ސައިން ބޯޑުތައް ހަރުކުރުން ހިމެނެއެވެ.

ތިމަރަފުއްޓަކީ، ގާތްގަނޑަކަށް 2800 މީހުންގެ އާބާދީއެއް އޮންނަ 221.45 ކިލޯމީޓަރުގެ ބޮޑު ރަށެކެވެ. މަގު ހެދުމުގެ މަސައްކަތްތަކާއިއެކު މިރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުން އެރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރުން އެކި ގޮތްގޮތުން ލުއި ފަސޭހަކަމާއި ރައްކާތެރިކަން ލިބިގެންދާނެއެވެ.