ޚަބަރު

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި


  • މޫސުމީ ބަދަލުތަކަށް އަހުލުވެރިކޮށް، ތިމާވެށި ރައްކާކުރުމަށް މަޝްވަރާކުރެއްވި

  • ދެގައުމުގެ ފަންނީ އިދާރާތަކުގެ ދެމެދު ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެ

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޔޫއެންސީސީޑީގެ 17 ވަނަ ކޮންފަރެންސް އޮފް ޕާޓީސް ކޮޕްގައި ބައިވެރިވެވަޑައިގަތުމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އަލީ ޝަރީފް މޮންގޯލިއާގެ އުލާންބަތާރަށް ކުރައްވަމުންދާ ދަތުރުފުޅުގެތެރެއިންނެވެ.

ވަޒީރު އަލީ ޝަރީފް ވަނީ އިންޑިއާގެ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރ ބޫޕެންދަރު ޔާދަވްއާ ބައްދަލުކުރައްވައި ތިމާވެށީގެ ދާއިރާއިންނާއި ޖައްވީ އިލްމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު އަލީ ޝަރީފްގެ އަރިހުގައި ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަހުމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ މަސައްކަތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ތިމާވެށި ބެލެހެއްޓުމާއި، ގިރާ ސަރަހައްދުތައް މެޕްކުރުމާއި، މޫސުމީ ނުރައްކާތައް ވަގުތުން ވަގުތަށް ދެނެގަތުމަށްޓަކައި އާރތު އޮބްޒަވޭޝަން ސިސްޓަމްތައް ބޭނުންކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ކަނޑޫފާތައް ރައްކާތެރިކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. އަދި ރާއްޖެއާއި އިންޑިއާގެ ފަންނީ އިދާރާތަކާ ދެމެދު ގުޅުން ބަދަހިކޮށް، ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްވެސް މަޝްވަރާތައްކުރައްވާފައިވެއެވެ.

ދެ ގައުމުންވެސް ވަނީ މި މަޝްވަރާތަކުގެ އަލީގައި ރަސްމީ އެއްބަސްވުންތަކަކަށް ވާސިލުވެ، ދެކުނު އޭޝިއާ ސަރަހައްދުގައި މޫސުމީ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައެވެ.

މޮންގޯލިއާގެ އުލާންބަތާރުގައި ކުރިއަށްދާ ޔޫ.އެން.ސީ.ސީ.ޑީ ގެ 17 ވަނަ ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ގައި، ކޮންވެންޝަންގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތްތައް ބައްޓަންކުރުމުގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމަށް ރާއްޖެއިން ވަނީ ވަކާލާތުވެސް ކޮށްފައެވެ.