ދައުލަތުގެ ރިޒަރވަށް ފަތުރުވެރިކަމުގެ ސިނާޢަތުން ޓެކުހާއި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ރިޕޯޓުން ދައްކާގޮތުން މިއަދަދު މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާބަލާއިރު ވަނީ %6 އިތުރުވެފައެވެ.
2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވްގައި ހުރީ 984.6 މިލިޔަން ޑޮލަރެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 673.9 މިލިޔަން ޑޮލަރާއި އަޅާބަލާއިރު %46 އިތުރު އަދަދެކެވެ.
2026ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވްގެ ގޮތުގައި ހުރީ 686.8 މިލިޔަން ޑޮލަރެވެ. މިއީ ޖޫން 2025 ގެ ނިޔަލަށް ހުރި އަދަދާއި އަޅާބަލާއިރު %17 ދަށް އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ރަސްމީ ރިޒަރވް ދަށްވެފައިވާ މައިގަނޑު ސަބަބަކީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުގެ ސްކޫކް އަނބުރާ ދެއްކުމަށް ރިޒަރވްގައި ހުރި ފައިސާ ބޭނުންކުރުމެވެ.
ރިޒަރވަށް ލިބޭ ބޭރުފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރުފައިސާގެ އާމްދަނީކަމަށްވާއިރު ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވުމުގެ ސަބަބުން ސަރުކާރަށް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ ކުރިން އަންދާޒާ ކުރިވަރަށްވުރެ ވަނީ ދަށްވެފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %6 އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ވަނީ ދައްކާފައެވެ.
މީގެއިތުރުން ބޭރު ފައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ގާތްގަނޑަކަށް 318.8 މިލިޔަން ޑޮލަރު މި މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށް އެމްއެމްއޭއިންވަނ ހާމަކުރައްވާފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރިޒަރވުން ބޭރުގެ ދަރަނި އަދާކުރުމަށް 608.6 މިލިޔަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ 2025ވަނަ އަހަރާއި އަޅާބަލާއިރު %202 އިތުރު އަދަދެކެވެ. ދަރަނި ދެއްކުމަށް ކުރެވުނު ޚަރަދު މިހާ ބޮޑުތަނުން އިތުރުވެފައިވަނީ ސްކޫކް އަނބުރާ ދެއްކުންކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެއިތުރުން ރިޒަރވް ބޭންކް އޮފް އިންޑިއާއިން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ސްވޮޕްގެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެވެސް އެއްކޮށް އަނބުރާ ދައްކާފައެވެ.