އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އީރާނާއި ޤަޠަރާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް ކުރިމަތިވި ނަމަވެސް، އެ ގުޅުންތައް އަލުން އިޢާދަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޤަޠަރުން ދީފައިވާ ދަނޑިވަޅެއްގައެވެ.
ދެ ފަރާތުގެ މެދުގައި ގުޅުންތައް އިޢާދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީ ވަނީ އީރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގަންނަވައި، ޕީޒިޝްކިޔާންއާ ބައްދަލު ކުރައްވާފައެވެ. ސަރަޙައްދުގެ ޤައުމުތަކުން ބަލަން ތިބި ނަމަވެސް އީރާނުގެ އަޚުވަންތަ ރައްޔިތުން ދަތިތަކާ ކުރިމަތިލާން ޤަޠަރުން ބޭނުންނުވާ ކަމުގައި ޝައިޚް މުޙައްމަދު ވިދާޅުވިއެވެ. ޤަތަރާއި އީރާނުން ގުޅުން ބަދަހިކުރުމަކީ އެމެރިކާއާއި ޞިޔްހޫނީންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މަސްރަޙުގެ ދާރިސުން ޤަބޫލުކުރެއެވެ.
އީރާނާއި ޤަޠަރު ގުޅިގެން ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ރާވާފައިވީ ނަމަވެސް، ޞިހްޔޫނީން ރުއްސުމަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން އެއްބަސްވުންތައް ތަންފީޒުކުރުމަށް ހުރަސްއެޅުނު ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ. އަދި، އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވިޔަނުދިނުމަށް ޔަހޫދީން މަސައްކަތްކުރާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އީރާނުގެ ޤާނޫނީ ޙައްޤުތަކެއް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަންޖެހޭނެ ކަމަށާއި، އެއްވެސް ފަރާތެއްގެ ފިއްތުންތަކަށާއި ބިރުދެއްކުންތަކަށް އީރާނުން ބޯނުލަނބާނެ ކަމުގައި ވެސް ޕީޒިޝްކިޔާން ވިދާޅުވިއެވެ.
އެމެރިކާއާއި ޔަހޫދީންގެ ޢަމަލުތަކާ ގުޅިގެން އީރާނާއި ޤަޠަރާ ދެމެދު ގުޅުން ގޯސްވި ނަމަވެސް، މި ޙާލަތުގައި ވެސް ދެ ޤައުމުގެ ދެމެދުގައި އިޚުލާޞްތެރި އިޙުތިރާމެއް ދެމިއޮތް ކަމަށާއި، އީރާނުގެ ރައީސަކީ އަޚެއްގެ ގޮތުގައި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީ ދެކެވަޑައިގަންނަވާ ކަމުގައި ޝައިޚް މުޙައްމަދު ވިދާޅުވިއެވެ. އަދި، ޤަޠަރުން ހައްޔަރުކޮށްފައިވާ ކަމަށް ބުނާ އީރާނުގެ ޕައިލެޓުންގެ މައްސަލަ އިޚުލާޞްތެރިކަމާއެކު ބައްލަވާނެ ކަމުގައި، ޤަޠަރުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ވެސް ފުރުއްވާ ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.
ޝައިޚް މުޙައްމަދު އީރާނަށް ކުރެއްވި ދަތުރުފުޅަކީ، ހުޅަނގު އޭޝިއާގައި އެމެރިކާއިން ފެށި ޣައިރުޤާނޫނީ
ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުން ޙައްލު ކުރެއްވުމުގެ މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ، ފެބުރުވަރީ 28 ގައި އެމެރިކާއިން ހަނގުރާމަ ފެށި ފަހުން އޭނާ އީރާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޕާކިސްތާނާއި ޤަޠަރު މެދުވެރިވެގެން ޖޫން މަހު އެމެރިކާއާއި އީރާނުން ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެ އެއްބަސްވުން ވަނީ މަޑުޖެހިފައެވެ. ސަރަޙައްދީ ހަމަޖެހުމަށް ޤަޠަރުން މަސައްކަތްކުރަމުންދާއިރު، 2025 ވަނަ އަހަރުގެ ޖޫން މަހު ޤަޠަރުގައި އެމެރިކާ ސިފައިން ތިބޭ އަލް ޢުދައިދް އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދިނެވެ. އަދި މި އަހަރު އެމެރިކާއާއި ޔަހޫދީން ފެށި ހަނގުރާމައިގެ ރައްދުގައި ވެސް އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި އެމެރިކާ ސިފައިން ބައިތިއްބާފައި ތިބޭ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.