ޚަބަރު

އެމްޑަބްލިއުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި


  • މިއީ 400 އަށްވުރެ ގިނަ މީހުންނަށް ބޭނުންކުރެވޭނެ އޮޑިޓޯރިއަމެއް

  • މިތަން ތަރައްޤީކުރީ އެ ކުންފުނީގެ މުވައްޒަފުން

ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފިއެވެ. މި އޮޑިޓޯރިއަމް ހުޅުވައިދެއްވީ ޝައިޚް އަޙްމަދު ސަމީރުއެވެ.

މިއީ އެމްޑަބްލިޔުއެސްސީގައި ގާއިމްކުރި ފުރަތަމަ އޮޑިޓޯރިއަމެވެ. މީގެކުރިން އެކުންފުނީގައި އޮޑިޓޯރިއަމެއް ނެތުމުގެ ސަބަބުން ބައްދަލުވުންތައް ބާއްވަންޖެހެނީ އެކިއެކި ތަންތަން ކުއްޔަށް ނަގައިގެންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް އަލަށް މި ހުޅުވުނު އޮޑިޓޯރިއަމާއެކު މިކަމަށް ހައްލެއް ލިބޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމަކީ 425 މީހުންގެ ކޮންފަރެންސް ރޫމަކާއި، 28 މީހުންގެ ބޯޑް ރޫމެއް ހިމެނޭ އޮޑިޓޯރިއަމެކެވެ. މިތަނުގައި ކޭޓަރިން ޚިދުމަތް ދެވޭނެ އިންތިޒާމާއި ކޮންފަރެންސްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިތަން ތަރައްޤީކޮށްފައިވަނީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންކަމަށެވެ. މި އޮޑިޓޯރިއަމް ނިންމާލާފައިވަނީ 45 ދުވަހުންކަމަށް ފަހުމީ ވިދާޅުވިއެވެ.

މިތަން ކޯޕަރޭޓް އިވެންޓްތަކާއި ސަރުކާރުގެ އެކިއެކި އިވެންޓްތަކަށް ދޫކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އޮޑިޓޯރިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.