ޚަބަރު

ޕާސްޕޯޓަށް މުއްދަތު އިތުރުކުރަން ހުށަހަޅަންޖެހޭނީ އިމުގާ މެދުވެރިކޮށް


  • މިއީ ސްޓޯކް މެނޭޖުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް

  • ތާރީޚު އިތުރުކޮށްދީފައިވާކަން ޕާސްޕޯޓުން ފެންނަން ހުންނާނެ

ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓުގެ ސްޓޮކް މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕާސްޕޯޓަށް މުއްދަތު އިތުރުކުރުމަށް ކުރިންވެސް އޮންނަ ގޮތަށް އިމުގަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް މޯލްޑިވްސް އިމިޤްރޭޝަންއިން ވިދާޅުވެއްޖެއެވެ.

ދިވެހި ޕާސްޕޯޓް ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުން ވަނީ، ބައެއް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިޤްރޭޝަނުން ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުގެ ތާރީޚު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ކުރިންވެސް އޮންނަ އުސޫލުން އިމުގަ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ. އެޕްލައިކުރުމުން ތާރީޚު އިތުރުކޮށްދީފައިވާކަން ޕާސްޕޯޓުން ފެންނަން ހުންނާނޭހެން ސްޓޭމްޕް ޖަހާދޭނެ ކަމަށެވެ. އިމިޤްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް އަދި ނުފަށާ ކަމަށާއި، އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މީގެއިތުރުން އިމިޤްރޭޝަނުން ވިދާޅުވީ، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ޤައުމުތައް ކަމަށްވާ އިންޑިއާ، ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރާނެ ކަމަށެވެ. މިގޮތަށް އެޕްލައިކުރާއިރު ދާ ޤައުމު ފާހަގަކުރެވެން މިހާރު ހުންނާނެ ކަމަށެވެ.

އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާ މެޝިން ރީޑަބަލް 8 ސަފުހާގެ ޕާސްޕޯޓެކެވެ. އިމަޖެންސީ ޕާސްޕޯޓުގެ ޚިދުމަތަކީވެސް އެއްވެސް ފީއަކާއި ނުލައި ދޭ ޚިދުމަތެއްކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޕާސްޕޯޓް ބުކެލެޓް ދޭ ކުންފުންޏަކީ، ފާއިތުވި 10 އަހަރުވެސް މި ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެއްކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ. ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެސްފައިވި ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.