ޚަބަރު

ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި 22 އަހަރު


  • އަމާޒު ދެކުނު އޭޝިއާގެ އެންމެ ޕްރޮފެޝަނަލް ޕޮލިސް އޯގަނައިޒޭޝަނަށް ހެދުން

  • 2004 ސެޕްޓެންބަރު 1 ގައި ވަކި މަދަނީ މުއައްސަސާއަކަށް ވަނީ ބަދަލުކޮށްފައި

1933 ވަނަ އަހަރު ފެށުނު ފުލުހުންގެ ޚިދުމަތް، 2004 ސެޕްޓެންބަރު 1 ގައި ވަކި މަދަނީ މުއައްސަސާއަކަށް ބަދަލުވެ، ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާވެގެންދިޔަތާއި މިއަދަށް މި ވަނީ 22 އަހަރުވެފައެވެ.

ދިވެހިރާއްޖޭގެ މަގުމަތިން ފެންނަ ނޫ ކުލައިގެ ފުލުހުންގެ ޔުނީފޯމާއި ފުލުހުންގެ ބެޖުގެ ފަހަތުގައިވަނީ ދިގު ތާރީހީ ދަތުރެކެވެ. އެއީ އެތައް ބައެއްގެ މިންނެތް މަސައްކަތާއި، އެތައް ޖީލެއްގެ ގުރުބާނީއާއި، ދިވެހި ރައްޔިތުންނާ ގުޅިފައިވާ އުންމީދީ ފަލްސަފާއެއްގެ ރަމްޒެވެ. ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ގޮތުގައި 1 ސެޕްޓެންބަރު ފާހަގަކުރަމުންދާއިރު، މިއީ ހަމައެކަނި މާޒީގެ ވާހަކަ ދައްކަންވީ ދުވަހެއް ނޫނެވެ. މިއީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ކަޑައްތުކުރި ރާސްތާއާއި، ކުރިމަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ ފެންވަރާމެދު ފުންކޮށް ވިސްނާލަންޖެހޭ މުހިންމު މުނާސަބަތެކެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުލުހުންގެ ހިދުމަތް ފެށިގެން ދިޔައީ 29 މާރިޗު 1933 ގައެވެ. އެއީ ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް "ފުލުހު މީހުންގެ ގާނޫނު" ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެންމެ ފުރަތަމަ އުފެއްދެވި ފުލުހުންގެ ފޯސްގައި ހިމެނުނީ 120 މީހުންނެވެ. އެހެންނަމަވެސް، 15 އޯގަސްޓު 1933 ގެ ފަހުން ފެށިގެން އެތައް ޒަމާނެއް ވަންދެން ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން އައީ އެއް ބައެއްގެ ގޮތުގައެވެ. ސިފައިންނާއި ފުލުހުން ޚިދުމަތް ދެމުން ގެންދިޔައީ އެއް ފުރާޅެއްގެ ދަށުގައި، އެއް ޔުނީފޯމެއް ލައިގެންނެވެ.

އެހެންނަމަވެސް، ގައުމެއްގެ ދިފާއީ ބާރާއި މުޖުތަމައުގެ އަމަންއަމާންކަން ބަލަހައްޓާ ފުލުހުންނަކީ މުޅިން ތަފާތު ދެ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ދެ ބައެއްކަން ޒަމާނާއެކު ސަރުކާރަށް ވިސްނެން ފެށިއެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ދިފާއީ އަސްކަރީ ފައުޖެއް އޮންނަ ފަދައިން، މުޖުތަމައުގެ އަމަނަށްޓަކައި މަދަނީ ފާޒެއް އޮންނަންޖެހޭކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަށް ގަބޫލުފުޅުކުރެއްވުނެވެ. ފުލުހުންގެ ޚިދުމަތް މުޖުތަމައުގެ ލޮލަށް ފެންނާނެހެން ފާޅުވެ، ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމްވުމަކީ ތަހުޒީބީ އުސޫލެއްކަމުގައި ދެކެވަޑައިގަތެވެ. މި ވިސްނުންފުޅާއެކު، 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ފުލުހުންނަކީ ވަކި މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަން ރަސްމީކޮށް އިއުލާންކުރެއްވިއެވެ.

1 ސެޕްޓެންބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ މިއީ 22 ވަނަ އަހަރެވެ. މި 22 އަހަރުގެ ތެރޭގައި ފުލުހުންގެ ހިއުމަން ރިސޯސް އިތުރުކުރެވި، ހިދުމަތްތައް ސްޕެޝަލައިޒް ކުރެވި، މުޅި ރާއްޖެއަށް ވަނީ ފުޅާކުރެވިފައެވެ. ޑިމޮކްރަސީގެ ޅަފަތުގެ ދަތުރުގައި ރައްޔިތުންނެކޭ އެއްފަދައިން ފުލުހުންވެސް ވަނީ އެތައް ތަޖުރިބާތަކަކާއި އިބުރަތްތަކެއް ހާސިލުކޮށްފައެވެ.

މުސްތަގުބަލަށް ބަލާއިރު، ދިވެހި ފުލުހުންގެ އަމާޒަކީ ރައްޔިތުން އިތުބާރުކުރާ، ދެކުނު އޭޝިއާގައި އޮތް އެންމެ ޕްރޮފެޝަނަލް ޕޮލިސް އޯގަނައިޒޭޝަނަށް ހެދުމެވެ. މިއީ ވާސިލުވެވޭނެ އަމާޒެކެވެ. ނަމަވެސް، ފުލުހުންގެ މުއައްސަސާގެ އަސްލު ކާމިޔާބީ މިންކުރެވޭނީ ސްޓޭޝަންތަކުގެ އަދަދަކުން ނުވަތަ ބޭނުންކުރާ ޓެކްނޮލޮޖީގެ ފެންވަރަކުން އެކަންޏެއް ނޫނެވެ.

އޭގެ ބަދަލުގައި، މުއައްސަސާގެ ބާރުވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރާއި، ގާނޫނު ތަންފީޒުކުރުމުގައި ގެންގުޅޭ ހަމަހަމަކަމާއި، އިންސާފުވެރިކަމުގެ މައްޗަށެވެ. 1933 ވަނަ އަހަރު 120 މީހުންނާއެކު ފެށުނު ދަތުރު، 2004 ގައި މަދަނީ ހިދުމަތަކަށް ފުރޮޅި، 2026 އާ ހަމައަށް އައިއިރު، ދިވެހި ފުލުހުންގެ މިސްރާބު ހުރީ ރައްޔިތުންނާ ގުޅިފައިވާ، ޕްރޮފެޝަނަލް، އަދި އިތުބާރު ހިފޭ އުޖާލާ މުސްތަގުބަލަކާ ދިމާއަށެވެ.

ފުލުހުންގެ މުއައްސަސާގެ ތާރީހަކީ ހަމައެކަނި ގާނޫނުތަކާއި، އިމާރާތްތަކާއި، ޔުނީފޯމްތަކުގެ ތާރީހެއް ނޫނެވެ. މިއީ ލޭ އޮހޮރުވުމާއި ދަލުން ލިޔެވިފައިވާ އިންސާނީ ގުރުބާނީތަކެއްގެ ވާހަކަވެސް މެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް، ބިރުވެރި އަދި ނުރައްކާތެރި އެތައް ހާލަތްތަކަކާ ފުލުހުން ވަނީ ކުރިމަތިލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނުރައްކާތެރި ކަންކަމާ ފުލުހުން ކުރިމަތިލަނީ ފަސްޖެހުމެއްނެތި ކެރިގެންނެވެ. ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެމީހުންގެ އަމިއްލަ ފުރާނައާއި ހަށިގަނޑަށްވުރެ ބޮޑަށް ވާޖިބު އިސްކޮށް، ޑިއުޓީގައި އުޅެމުން ބައެއް ފުލުހުން ވަނީ ޝަހީދުވެސް ވެފައެވެ. މިއަދު ފެންނަ ކޮންމެ ނޫ ޔުނީފޯމެއް ރަމްޒުކޮށްދެނީ، އެ ގުރުބާނީތަކާއި، އާއިލާތަކާ ދުރަށްގޮސް ރައްޔިތުންނަށްޓަކައި އެ ވެވޭ މަތިވެރި ހިދުމަތެވެ.