މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކާމެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ، މުޅި މުޖުތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި ހިނގި ހިތާމަވެރި ދެ ހާދިސާގައެއްގައި 2 ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާވެރި އިޙުސާސްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި 2 ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށާއި، ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
— Dr Mohamed Muizzu (@MMuizzu) September 1, 2026
މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާވެރި އިޙްސާަސްތަކެއް ކޮށްފި. މި މަޢުޞޫމް 2…
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓުތަކާމެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެއާއި، އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން ޚާއްޞަ އިސްކަމެއްދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދިވެހި މުޖުތަމަޢާއި ޢާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.