ޚަބަރު

އިންނަމާދޫއާއި މާރަންދޫގައި ތަރައްގީގެ މަޝްރޫޢު ހިންގަން އެމްޓީސީސީއަށް


  • އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރަން ހަވާލުކުރި

  • މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުވެސް ވަނީ ހަވާލުކޮށްފައި

ދެ ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިރަށްރަށުގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މިއެއްބަސްވުންތަކުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ. އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމާއި، ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ.

180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ދަށުން މާރަންދޫގެ 2.28 ހެކްޓަރުގެ ސަރަހައްދެއް ބެކްފިލް ކުރުމާއި، 939 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބްރޭކްވޯޓަރެއް ގާއިމުކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ވެސް މިމަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2 ރަށެއްގެ އުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ މަސައްކަތްތައް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ދާދިފަހުން 9 ރަށެއްގައި ކުރިޔަށްގެންދާ މަޝްރޫޢުތައް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ބަނދަރާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކެވެ.