ޚަބަރު

ކާށިދޫ ކަނޑަށް ސަޕްލައި ދޯންޏެއް ދިޔަވާތީ ފުލުހުން ހަރަކާތްތެރިވަނީ


  • ދިޔަވަނީ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް

  • މިއީ މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް

  • ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން

ކާށިދޫ ކަނޑަށް ސަޕްލައި ދޯންޏެއް ދިޔަވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި، ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއްވި ގޮތުގައި "ސީލައިން 3" ނަމަކަށްކިޔާ މި ސަޕްލައި ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. މީގެ އިތުރުން، މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.