ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މުޙައްމަދު އަފީފު ނިޔާވެއްޖެ


  • ނިޔާވީ ޒަހަމްވި ދެބަފައިންގެ ތެރެއިން ބައްޕަ

  • ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު

ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ މަހުގެ 31ގައި ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ޅ. ކުރެންދޫ، އުމުރުން 62 އަހަރުގެ މުޙައްމަދު އަފީފުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި ދެން އަނިޔާވެފައިވާނީ ސައިކަލު ފަހަތުގައި އިން އޭނާގެ ދަރިއަކަށެވެ. މުޙައްމަދު އަފީފު ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

ނިޔާވި މުޙައްމަދު އަފީފަކީ މާލެއާ ހުޅުމާލޭގެ އެކި ސްކޫލްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޓީޗަރެކެވެ.