ޚަބަރު

2 މުބާރާތެއް ކާމިޔާބުކުރި ޓީމުތަކުގެ އަގުވަޒަންކުރަނީ


  • އަގުވަޒަންކުރުން އޮންނާނީ އެފްއޭއެމް އެވޯޑްސް ހަފްލާގައި

ސަރަހައްދީ މުބާރާތްތަކުން ފުޓުބޯޅައިގައި އަދި ފުޓްސަލްގައި ރާއްޖެއަށް ރަން ކާމިޔާބީ ހޯދައިދިން ޓީމުތަކުގެ އަގުވަޒަންކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ބުނީ، ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕާ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއި ތާރީޚުގައި ވެސް ބޭއްވި ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޤައުމީ ފުޓްސަލް ޓީމުގެ އަގުވަޒަންކުރުމުގެ ގޮތުން ޙާއްސަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ހަރަކާތް ކުރިއަށްދާނީ، އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނަ އެފްއޭއެމް އެވޯޑް ނައިޓުގެ ތެރެއިންކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

ރާއްޖެއަށް ރީތި ނަމާއި ބޮޑު ކާމިޔާބީއެއް ހޯދައިދީފައިވާ މި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ހައްގު ސާބަހާއި ޝަރަފު އަރުވައި، އަގުވަޒަންކުރުމަކީ އެފްއޭއެމް އިން ނުހަނު އިސްކަންދޭ ކަމެއްކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެފްއޭއެމް އެވޯޑް ނައިޓުގައި، ސުޕާ ކަޕް އަދި ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ތަށި އުފުލާލި ދެޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުންނަށް ޙާއްސަ ހަނދާނީ ޓޯކަންއެއް ދިނުމަށް ވަނީ ނިންމާފައެވެ.

ދިވެހި ކުޅިވަރަށް، ޙާއްސަކޮށް ދިވެހި ފުޓުބޯޅައާއި ފުޓްސަލްއަށް މި ދެޓީމުން ހޯދައިދިން ތާރީޚީ ކާމިޔާބީއަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ބޮޑު ކާމިޔާބީއެއް ކަމަށާއި އެފްއޭގެ އަމާޒަކީ މިފަދަ ކާމިޔާބީތައް ފާހަގަކޮށް ކުޅުންތެރިންގެ ހިތްވަރު އައުކުރުމާއި މުސްތަޤްބަލުގައި އިތުރު ކާމިޔާބީތަކާ ހަމައަށް ވާސިލްވުމަށް މަގުފަހިކޮށްދިނުންކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި ސައުތު އޭޝިއަން ސުޕާ ކަޕުގައި ވާދަކުރީ ރާއްޖެއާއި ސްރީލަންކާއެވެ. ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ފަހަރަށް ސާފް އިން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން ތާޖު ރާއްޖެއިން އަޅާލީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވަސީލަތާއި ފުރުސަތުގެ ގޮތުން ރާއްޖެއަށްވުރެ އެތައް ދަރަޖައެއް ކުރީގައި އުޅޭ ޤައުމުތަކުގެ މައްޗަށް ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދާ، ސައުތު އޭޝިއާގެ ފުޓްސަލް ރަސްގެފާނުންގެ ތަހުތުގައި ރާއްޖެއިން ވަނީ ހަމަޖެހިލާފައެވެ.

ޖުމްލަ ހަތް ޓީމުން ވާދަކުރި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ހޯދިއިރު ރާއްޖެ ފާހަގަކުރެވުނީ، ކުޅުންތެރިންގެ ހުނަރާއި، ދެއްކި މޮޅު ކުޅުމުގެ ސަބަބުން، މާ ބޮޑު ވާދަވެރިއަކު ނެތި، ވަރަށް ސާބިތުކަމާއެކު މުބާރާތުގެ ތަށި އުފުލާލި ޓީމެއްގެ ގޮތުގައެވެ.

މި ދެ ޓީމުގެ އަގުވަޒަންކުރުމުގެ ގޮތުން އެފްއޭއެމް އެވޯޑް ނައިޓުގައި ޙާއްސަ ކަންތައްތަކެއް ކުރުމަށް އެފްއޭއެމް އިން ނިންމާފައިވާއިރު، ފުރަތަމަ ފަހަރަށް ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިޔާ އެފްއޭއެމް އިން މިފަހަރު ހޮވާނެއެވެ.