ޚަބަރު

ޕްރައިމަރީ ހެލްތު ކެއާ ދާއިރާގެ މަތީފަންތީގެ އެވޯޑެއް ރާއްޖެއަށް


  • ޕްރައިމަރީ ކެއާ އަދި ޕަބްލިކް ހެލްތު ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރި

އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު، އޭއޭއޭއެޗް އެވޯޑް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއަށް ލިބިއްޖެއެވެ.

މިއީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހާއި ގުޅިގެން ސިއްހީ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތުގެ އަގުވަޒަންކޮށް ދީފައިވާ އެވޯޑެކެވެ. މި އެވޯޑު ރާއްޖެއަށް ދީފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ.

ޕްރައިމަރީ ކެއާ އާއި ޕަބްލިކް ހެލްތު ދާއިރާއިން ރާއްޖޭން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ރާއްޖޭން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ އަގަންވަޒަންކުރުމުގެ ގޮތުން ދީފައިވާ މަތީ ފަންތީގެ ޝަރަފުވެރި އެވޯޑެކެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޝަރަފަކީ މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކޮށް، ޔުނިވާސަލް ހެލްތު ކަވަރޭޖް ކުރިއެރުވުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި 3 ދާއިރާއަކުން އެވޯޑު ދީފައިވާއިރު ރާއްޖެއަށް މި އެވޯޑު ލިބުނު ކެޓަގަރީއަކީ 'ޕްރައިމަރީ ހެލްތް ކެއާ ޓީމު' އެވެ. މި ކޮންފަރެންސްގައި ދެން އެވޯޑު ދިން ދެވަނަ ކެޓަގަރީއަކީ ހެލްތް ޕްރޮފެޝަން އެޑިއުކޭޝަން އަދި ތިންވަނަ ކެޓަގަރީއަކީ ހެލްތްވޯކާ ވެލްބީންއެވެ.

މި އެވޯޑާގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާ ކުރައްވަމުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ އެވޯޑަށް ނޮމިނޭޓްވި ގިނައަދަދެއްގެ ގައުމުތަކުގެ ތެރެއިން ރާއްޖޭން ހާސިލުކުރި މި ކާމިޔާބީއަކީ ފާފު އަތޮޅުގައި ސިއްހީ ވުޒާރާއާއި ޑަބްލިއުއެޗްއޯއިން ގުޅިގެން ހިންގަމުން އަންނަ ޕްރައިމަރީ ހެލްތް ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމަށް ލިބުނު އެވޯޑެއް ކަމަށާއި އެއީ ފާފު އަތޮޅުގައި ފަށާފައިވާ ޕައިލެޓް ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން. އެއް މަރުހަލާ އަކީ ޕްރައިމަރީ ހެލްތް ކެއާ ރިވައިޓަލައިޒޭޝަންގެ ދަށުން ހިންގުމަށްބޭނުންވާ ޕްރޮގްރާމަށް ބޭނުންވާ ޓްރޭނިން ދިނުން. އެ ޓްރޭނިން މިހާރުވަނީ ހުރިހާ ރަށެއްގައި ފުރިހަމަ ކުރެވިފައި. ދެވަނަ މަރުހަލާއަކީ އެ ޕްރޮގްރާމު އިމްޕްލިމެންޓް ކުރުން. ފާފު އަތޮޅުގައި މިއަންނަނީ އެގޮތަށް އިމްޕްލިމެންޓް ކުރަމުން. ދެން ކުރިޔަށް ގެންދާނީ މުޅި ރާއްޖެއަށް މި މަސައްކަތް ބަހާލުމުގެ މަސައްކަތް" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މިއީ 174 ނޮމިނޭޝަންގެ ތެރެއިން މި ކޮންފަރެންސްގައި އެވޯޑު ލިބުނީ ޖުމްލަ ހަތަރު ފަރާތަކަށް ކަމަށެވެ. އެގޮތުން ރާއްޖެއަށް އެވޯޑު ލިބުނު ކެޓަގަރީން 2 ފަރާތަކަށް އަދި އަނެއް ދެގަޓަރަގީން ދެ ފަރާތަކަށް އެވޯޑު ދީފައިވެއެވެ. މި އެވޯޑަށް ކުރިމަތި ލެވެނީ ހަމައެކަނި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ނޫން ކަމަށާއި، އެހެން ގައުމުތަކުންވެސް އެވޯޑަށް ވާދަކުރިކަން އޭނާ ފާހަަގަ ކުރެއްވިއެވެ.