ތަރައްްޤީ

ސިފްކޯ ހިޔާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް މިއަހަރު ނިމޭނެ


ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމައްޓަކައި ހުޅުމާލޭގައި ޢިމާރާތްކުރައްވަން ފަށްޓަވާފައިވާ ސިފްކޯ ހިޔާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވާލެވޭނެކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓް ޕްރިއިވެޓް ލިމިޓެޑުން ބުނެފިއެވެ.

ދިވެހި ސިފައިންގެ ޤައުމީ ވާޖިބްތައް އަދާކުރުން ހަރުދަނާކުރުމާއެކު، ސިފައިންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތަކާއި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި ހުޅުމާލޭގައި ޢިމާރާތްކުރައްވާ ފްލެޓްތަކުގެ މަސަކަތަކީ 2013 ވަނަ އަހަރުގެ ތެރޭގައި ފެއްޓެވި މަޝްރޫޢެކެވެ. ނަމަވެސް އޭރު އެމަސަކަތް ޙަވާލުކުރެއްވި ނޫމަޑި ރިޒޯޓް އެންޑް ރެޒިޑެންޓްސް އާއި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އާދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް މަސަކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ލަފާފުޅުގެ މަތިން ޑިފެންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިހާރު އެމަސަކަތް ކުރައްވަނީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެންނެވެ. މިއީ އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕްގެ މަޝްވަރާއާއެކު މަޝްރޫޢު ހަލުއިކޮށް ނަތީޖާ ނެރުމައްޓަކައި ގެންނެވި ބަދަލެކެވެ.

އައިލެންޑް އެކްސްޕާރޓާއެކު 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެވުނު ވަގުތީ އެއްބަސްވުމެއްގެ ދަށުން ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން މިހާރު މިވަނީ ސިފްކޯހިޔާގައި ހިމެނޭ ތިން ޓަވަރުގެ ފައުންޑޭޝަން އަޅައި އޭގެތެރެއިން ދެ ޓަވަރުގެ ފުރަތަމަ ޝީޓުވެސް އަޅައި ނިންމާފައެވެ.

ސިފްކޯ ހިޔާ ފްލެޓްތަކުގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕަރޓްގެ އެޑްމިން މެނޭޖަރ ޔޫސުފް ސިރާޖް ވިދާޅުވީ، މިދިޔަ މުއްދަތުގެ ތެރޭގައި 3 ޓަވަރުގެ ވެސް އެންމެ މުހިއްމު އެއް މަސައްކަތް ކަމުގައިވާ ފައުންޑޭޝަންގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފްލޯ ޝީޓްތަކުގެ މަސައްކަތް ކަމަށެވެ.

ސިފްކޯހިޔާގެ ފްލެޓްތަކުގެ ތިން ޓަވަރުގެވެސް ފުރަތަމަ ދެ ފްލޯ ތަރައްގީކުރައްވަނީ ކޮމާރޝަލް އޭރިއާއަކަށެވެ. މީގެ ތެރެއިން ދެޓަވަރުގެ ކޮމާރޝަލް އޭރިއާގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ކޮމާރޝަލް އޭރިއާ ނިމި، އެޕާޓްމަންޓް ފްލޯތަކުގެ މަސަކަތް ފެށި، ޑިޒައިނަށް އަންނަ ބަދަލާއެކު، ވަރަށް އަވަހަށް އިމާރާތުގެ މަސަކަތް ނިމޭނެކަމުގައި އައިލެންޑް އެކްޕާރޓުން ބުނެއެވެ. އެގޮތުން ތިން ޓަވަރުގެވެސް ކޮންކްރީޓް މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމޭނެކަން އައިލެންޑް އެކްސްޕަރޓްގެ އެޑްމިން މެނޭޖަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޒަޒީ ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރައްވާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައިވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ ޖުމްލަ 330 ފްލެޓެވެ.