ޚަބަރު

"ހެލްޕް ސޫރިޔާ" ކެމްޕޭނުން ލިބުނު ތަކެތި ސޫރިޔާއަށް ފޮނުވައިފި


ސޫރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ފެށި "ހެލްޕް ސޫރިޔާ" ކެމްޕެއިނުން ލިބުނު އެހީގެތަކެތި ސޫރިއާއަށް ފޮނުވައި ނިމިފައިވާކަމަށް، މިކެމްޕެއިން ހިންގި ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން "އައި.އޭ.ސީ" އިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އައި.އޭ.ސީން ބުނީ، ސީރިއާއަށް އެހީ ފޯރުކޮށްދޭ ތުރުކީގެ ސަރުކާރާއި ގުޅިފައިވާ އެންމެ ބޮޑު އެން.ޖީ.އޯ ކަމުގައިވާ، އީހާހާ އާއި އެކު ވެފައިވާ އެއްބަސްވުމުގެދަށުން ރާއްޖެއިން ވެދިން އެހީތައް ސޫރިއާގެ ޙާލުގައި ޖެހިފައިވާ މީހުންނަށް މިހާރުވެސް ބަހަމުންދާކަމަށެވެ. 

"އައި.އޭ.ސީ"ގެ ފައުންޑަރ މެންބަރ އާދަމް ނާއިފް ބުނީ، "ހެލްޕް ސޫރިއާ" ކެމްޕެއިންގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށްދިޔަ ކެމްޕެއިންގައި، އެކި ރަށްރަށުންނާއި، މާލެއިން ލިބުނު، ހަތްދިހަ ހާހެއްހާ އަންނައުނާއި، 1350 މަސްދަޅު ކޭސް ސޫރިޔާއަށް ފޮނުވާފައިވާކަމަށެވެ.

"އައި.އޭ.ސީ" އިން ބުނީ ހެލްޕް ސީރިއާ ކެމްޕެއިން މުޅިން ނިންމާލުމަށްފަހު މިމަހުގެތެރޭގައި އެހެން ކެމްޕެއިންނެއް ފަށަން އެ ޖަމައިއްޔާއިން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މުސްލިމު ގިނަ ޤައުމުތަކެއްގައި އެއްތައްހާސް މުސްލިމުންނެއް ހާލުގައި ޖެހި ކާބޯތަކެއްޗާއި ޒަރޫރީ ކަންކަމަށް ބޭނުންވެފައިވާއިރު، ދެންފަށާ އެހީގެ ކެމްޕެއިނެއްވެސް ޚާއްސަ ކުރާނީ އެފަދަ ޤައުމަކަށް ކަމަށް " އައި.އޭ.ސީ"އިން ބުނޭ. އެފަރާތުން ބުނީ އެކި ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވެދިނުމަށް ދިވެހިން ދޭ އެހީތެރިކަމަކީ ފާހަގަކުރެވޭ ވަރުގެ މަސައްކަތެއްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކެމްޕެއިންތަކުގައި އާންމުންނާއި ވިޔަފާރިވެރިންނާއި، ކުންފުނިތަކުން އެހީތެރިވެދެއްވުމަކީ އެ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

"އައި.އޭ.ސީ" އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެކިއެކި ހަމަނުޖެހުންތަކުގައި ހާލުގައި ޖެހޭ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވެދިނުމުގެ މަޤުސަދުގައި ހަރަކާތްތެރިވާ ދިވެހި ޖަމާއަތެކެވެ.