ތަރައްްޤީ

ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް ނޮވެމްބަރު 12ގައި


ކުޅުދުއްފުށީ އެއަރޕޯޓު މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 12 ވަނަދުވަހު ރަސްމީކޮށް ފަށާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ކުރިޔަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނާއީބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުޅުދުށްފުށީ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްކަމަށެވެ.

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރުން ކުޅުދުއްފުށީ އެއަރޕޯޓް އަޅައިދޭނެކަން ޔަގީންވުމުން އެއަރޕޯޓް އަޅަނީ ކުޅި ހިއްކައިގެން ކަމަށްބުނެ ބައެއް ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އެ ވާހަކަތަކަށް ރައްދުދެއްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެކުރިންވެސް ކުޅި ހިއްކައިގެން ތަފާތު ޕްރޮޖެކްޓްތައް ހިންގާފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/15090317630542.jpg|ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީގެ ނައިބު އަބްުދުއްރަހީމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޕީޕީއެމުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެޑައިގަންނަވާ ޖަލްސާތަކެއް ރާއްޖޭގެ އެކި ކަންކޮޅުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިގޮތުން ނޮވެމްބަރ ތިނެއް ފާހަގަކުރުމަށް "އަސްތާ" ނަމުގައި ކުޅުދުށްފުށީގައި ބާއްވާ ހާއްސަ ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15090317352065.jpg|ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީގެ ނައިބު ރައީސް މޫސާ ޒަމީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޕީޕީއެމްގެ ނާއިބް ރައީސް މޫސާ ޒަމީރު ވިދާޅުވީ،  އެޕާޓީން ކުރިޔަށް ރާވާފައވާ ހަރަކާތްތަކުގެ ތެރޭގައި މިމަހުގެ ތިރީސް ވަނަ ދުވަހު ދ. ކުޑަހުވަދޫގައި އަދި އެއްތިރީސްވަނަ ދުވަހު ފ. ނިލަންދޫގައިވެސް ޖަލްސާއެއް ބާއްވާނެކަމަށެވެ. އަދި އަންނަ މަހުގެ ދެވަނަދުވަހު މާލޭގައި" އަސްތާ" މިނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އޮންނާނެކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ސިޔާސީ އެންމެ ބޮޑެތި ޖަލްސާތައް ބާއްވާފައިވަނީ އެޕާޓީންކަމަށެވެ. އަދި ކުރިޔަށް ރޭވިފައިވާ ޖަލްސާތަކުގައިވެސް ގިނަ އަދަދަކަށް މީހުން ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެއެވެ.