ތަރައްްޤީ

"ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަ" ފަށައިފި


ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަމާޒްކޮށްގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބާއްވާ "ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަ" ފަށައިފިއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި މި ބައްދަލުވުމަކީ، ކާރިސާތަކުން ރައްކާތެރިވުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ދާއިރާއެއްގެ ބައިވެރިވުމާއެކު، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހިންގޭ ހަރަކާތްތައް ވިލަރެސް ކުރާ އަދި ސިޔާސަތުތަކަށް މަގުދައްކާ ޤައުމީ ނިޒާމެއް ޤާއިމުކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، މިއަދު މިފެށުނު މަންސަ އަކީ ކާރިސާގެ ކަންކަން އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އިސް މުއްއައްސަސާތަކާއި، ލޯކަލް ކައުންސިލްތަކާއެކު މަޝްވަރާކޮށް ކުރިއަށްއޮތްތަނުގައި ކާރިސާގެ ކަންކަން މެނޭޖްކޮށް ޕްލޭންތައް ތައްޔާރުކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއްކަމަށާއި، މިކަމުގައި އެންމެހާ ފަރާތްތަކުގެ ޚިޔާލާއި ވިސްނުން މުހިއްމުކަމަށެވެ.

ޔޫ.އެން.ޑީ.ޕީ އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަންކަން ރޭވުމުގައި އެންމެ މުއައްސަސާއަކުން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމަށެވެ.

ޔޫ.އެން.ޑީ.ޕީން ރާއްޖޭގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގައިވެސް ޕްރައިވެޓް ސެކްޓަރާއި، ސަރުކާރުގެ ވުޒާރާތަކުން ބައިވެރިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، މަންސަ ފަދަ ބައްދަލުވުމެއްގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ފެންނާތީ އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މަންސައިގައި ތަފާތު ހަތަރު ކަރުދާހަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، ކާރިސާގެ ކަންކަން ބެލެހެއްޓުމާއި، ކާރިސާގެ ކަންކަމާއި ތަރައްޤީއާއި ހުރި ގުޅުމާއި، ކާރިސީ ހިރާސް ނަގުލުކުރުމަށް ހުރި ފުރުސަތުތަކުގެ އިތުރުން ކާރިސާގެކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މިއަދު މެންދުރުކުރީގެ ސެޝަންގައި ކުރިއަށްގެންގޮސްފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީ އާއި ކާރިސީ ހިރާސް ކުޑަކުރުމާއި ހުރި ގުޅުމުގެ މަށްޗަށް ކަރުދާސް ހުށައަޅާ ބައިވެރިންގެ މެދުގައި މަޝްވަރާކުރުމެވެ. އަދި ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ސަރުކާރުގެ މުއަސަސާތަކުން ކުރާ ބައެއް މަސައްކަތްތައް މަޝްވަރާކޮށްގެން، ގެއްލުން ކުޑަކޮށް ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ބައިވެރިން ޚިޔާލު ފާޅުކޮށްފައިވެއެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކުން، އެ މުއައްސަސާތަކުގެ މަސައްކަތްވެސް ހިއްސާކޮށްފައިވެއެވެ.

ޔޫ.އެން.ޑީ.ޕީ އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ގުޅިގެން ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސާގައި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއިން، މިހާރު ހައްލު ހޯދަންޖެހޭ މައިގަނޑު ކަންކަމާއިމެދު މަޝްވަރާކޮށް ޚިޔާލު ހޯދާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެއެވެ.