އާއްމު ދަތުރުފަތުރުކުރުމަށް ސިނަމާލެ ބުރިޖް މާދަމާ ހަވީރު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާއި ގުޅާލާފައިވާ ސިނަމާލެ ބުރިޖް އާއްމުންނަށް ރަސްމީކޮށް ހުޅުވާލާނެކަމަށެވެ.
ސިނަމާލެ ބުރިޖް މާދަމާ ހަވީރު އާއްމު ދަތުރުފަތުރުކުރުމަށް ހުޅުވާލާއިރު ބުރިޖާ ގުޅިގެން ތަރައްޤީކުރި ރިންގް ރޯޑް ވަނީ އާއްމު ދަތުރުފަތުރު ކުރުމަށް ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު، ސިނަމާލޭ ބުރިޖް ރަސްމީކޮށް ހުޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ސިނަމާލެ ބުރިޖް ރަސްމީކޮށް ހުޅުވުމާ ގުޅިގެން އެކަމުގެ އުފަލުގައި ހަފްތާއެއް ވަންދެން އެކި ކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.