ޚަބަރު

ތިނަދޫގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތައް ނާއިބުރައީސާ ޙިއްޞާ ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގދ. ތިނަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތައް ލާމަރުކަޒީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ރަށްރަށަށް ބޭނުންވާ ކަންކަން ގާތުން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ނާއިބުރައީސް ވަނީ ހުވަދޫ އަތޮޅުގައި އެންމެ އާބާދީ ބޮޑު ތިނަދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހީމް އަސްއަދު ވިދާޅުވީ މި ބައްދަލުވުމުގައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ތިނަދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކީ ކޮބައިކަން ޙިއްޞާކޮށްފައިވާކަމަށެވެ. އެގޮތުން ކައުންސިލް ބާރުވެރިކުރުވުމާއި، ރަށުގެ ތަރައްޤީއަށް ކުރަން ނިންމާފައިވާ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވިކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މަޝްވަރާތަކުގަ ރަށުގަ ކުރިން ހިނގާފަ ހުރި ޕްރޮޖެކްޓުތައް، ނުނިމި ހުރި ޕްރޮޖެކްޓުތަކާ އިތުރަށް މި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކަށް އަލި އަޅުވާލެވުނު. ވަރަށް ހަރުދަނާ ވަރަށް ކާމިޔާބު މީޓިންއެއް ގޮތުގަ ކުރިއަށް މިދިޔައީ. ވަކި ވަކި ތިން މިނިސްޓްރީއާއި އެމިނިސްޓްރީއާ ގުޅުން ހުރި ދާއިރާތަކުގަ ވަރަށް ފުޅާ ދާއިރާއެއްގަ މަޝްވަރާތަކެއް ކުރެވުނު. އަދި ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގަ ހިމެނޭ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ވާހަކަވެސް ދެކެވުނު" އަސްއަދު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ތިނަދޫގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ނުނިމި ހުރި އިރު، ތިނަދޫ ކައުންސިލުން ބުނީ އޭގެ ތެރެއިން ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރޭވުންތެރިކަން ކުޑަކޮށްކަމަށެވެ. މިކަމުގެ ސަބަބުން ތިނަދޫގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ނުކުރެވޭކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީއާއި، ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގަންނަވައެވެ.