ބ.އަތޮޅަކީ ކަނޑުގެ ދިރުން މުއްސަދި އަތޮޅެކެވެ. ޙިމާޔަތްކޮށް ޔުނެސްކޯ ބަޔޯސްފިއަށް ރިސާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިއަތޮޅުގެ ރިސޯޓްތަކުން ތިމާވެށި ޙިމާޔަތް ކުރުމަށްދަނީ ތަފާތު އެތައް ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ވެލާ ކަނހަބަށް ދިމާވާ ތަފާތު އަނިޔާތަކަށް ފަރުވާދިނުމަށް އެތަކެތި އޮޕަރޭޝަން ކުރުމެވެ.
މިއީ ވެޓެރެނަރީ ޑޮކްޓަރަކާއެކު މި ފަދަ ސެންޓަރެއް ރާއްޖޭގެ އައޮޅެއްގައި ހުޅުވި ފުރަތަމަފަހަރެވެ. މިއީ ދަލުގެ މަސްވެރިކަން ކުރާ މަސްވެރިން ދޫކޮށްލާ ދަލާއި އެހެނިހެން ކުނިބުނިން ވެލާ ކަހަނބު ސަލާމަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ "އޮލިވް ރެޑްލީ ޕްރޮޖެކްޓް"އާ ގުޅިގެން ކުރަމުންގެންދާ މަސައްކަތެކެވެ. ބ.އަތޮޅުގައި ހިންގާ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގައި މިމަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
ބ.އަތޮޅުގައި ހިންގާ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގައި ހަދާފައިވާ މިސެންޓަރުން ވެލާ ކަހަނބު އެކްސްރޭ ނަގައި އޮޕަރޭޝަންކޮށް، މިތަކެއްޗަށް ދިމާވެފައިވާ ބަލި ނުވަތަ ގެއްލުން ދެނެގަނެ ފަރުވާ ކުރުމަށް ފަހު މިހާތަނަށް އައިރުވަނީ 100 އަށްވުރެ ގިނަ ވެލާކަނހަބު މޫދައް ދޫކޮށްލާފައެވެ. އޮލިވް ރެޑްލީ ޕްރޮޖެކްޓާއި ކޮކޯ ގެ ރިސޯޓްތައް ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތް ބ.އަތޮޅުގެ ދިރުންތައް ޙިމާޔަތް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީއީ ބ.އަތޮޅު ކޮކޯ ޕާމްގައި ހަދާފައިވާ ވެލާ ކަނހަބަށް ފަރުވާ ދޭ ސެންޓަރެވެ. މި ސެންޓަރުގައި ވެލާ ކަނބާ ބެހޭ ޑޮކްޓަރ ކްލެއަރ" ބުނީ މިގޮތައް ގެންނަ ވެލާތަކަށް ފުރަތަމަ ހަފްތާގައި ކާނދިނުމަށް އުންދަގޫކަމަށެވެ. އަދި އެންމެ ފުރަތަމަ ބަލަނީ ވެލައަށް ދިމާވެފައިވާ މައްސަލަ ދެނެގަތުމަށް ކަމަށް އޭނާ ބުންޏެވެ.
މިތަނުގައި ހުރި ޓޭންކްތަކުގައި މިވަގުތު ވެސް ބޮޑު 8 ވާވޮށިވެލާ އެބަ އޮތެވެ. އެއީ ދަލުގައި އޮޅިގެންނާއި ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހީގެ ސަބަބުން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކޮށްފައިވާ ވެލާތަކެކެވެ. މީގެތެރޭގައި އެއްފިޔަ ބިނދިފައި ވާ ވެލަޔާއި ކަނޑުގައި އުޅޭ ނުރައްކާތެރި އެއްޗެއްގެ ހަމަލާލިބި އެއް ފިޔަ ނެތް ވެލާ ވެސް އެބަ ހުއްޓެވެ.
ވަކިވަކި ޓޭންކްތަކުގައި އެވެލާތައް ގެންގުޅެނީ އެތަކެއްޗަށް ކާށާއި ބޭސް ދިނުމަށް ފަސޭއަކަށެވެ. މިގޮތަށް ގެނެވޭ ވެލާތަކަށް ކާންދިނުމުގައި ވަކިއުސޫލްތަކެއް ހުރެއެވެ. އެއީ އެތަކެއްޗައް ގަޑިންގަޑިއަށް ބޭސް ދޭތީއެވެ. އަދި މިޓޭންކްތަށް ޤަވާޢިދުން ސާފުކުރަނީ މި ސެންޓަރުގައި މަސައްކަ ކުރާ 4 މުވައްޒަފުންނެވެ. މިހަތަރު މީހުންނަކީ ކަނޑުގެ ދިރުންތަކާބެހޭ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވާ މުވައްޒަފުންކަމަށް އެސެންޓަރުން ބުނެއެވެ.
މިސެންޓަރުގެ އަމާޒަކީ ރާއްޖެއަންނަ ފަތުރުވެރިންނާއި ޢާންމުންގެ ސަމާލުކަމަށް މިކަން ގެނެސް ވެލާކަނހަބު ޙިމާޔަތް ކުރުމުގައި ފަރުދީ ފެންވަރުގައި މަސައްކަތް ކުރާ ބަޔަކު އުފެއްދުމެވެ.
ދާ ބޭނުންކޮށްގެން މަސްވެރިކަންކުރާ މީހުން ކަނޑަށް ދޫކޮށްލާ މިފަދަ ދާތަކުގެ ސަބަބުން ކަނޑުގެ ދިރުމަށް ނުހަނު ބޮޑެތި ގެއްލުން ތަކެއް ލިބޭކަމަށާ، އެކަން އެގޮތައް ނުކުރުމަށް ޚާއްސަ ކެޕްޕެއިން ތަކެއްވެސް ރާއްޖެއާ ރާއްޖެއިން ބޭރުގައި ހިންގާފައިވާކަން ފާހަގަކުރަމުން ކްލެއަރ ބުނީ ނަފާ ހޯދަން މަސައްކަތް ކުރިނަމަވެސް ކަނޑުގެ އެހެން ދިރުތަކަށާއި ތިމާވެއްޓަށް ގެއްލުން ނުވާގޮތަކަށް މިކަން ކުރެވެން ޖެހޭކަމަށެވެ.
ދަލުގައި ޖެހިގެން މިސެންޓަރަށް ގެންނަ ވެލާތަކުގެ ތެރެއިން ބައެއް އެއްޗެހީގެ އަތްފައި ބަނދެވި ނުވަތަ ބުރިވެފައި ހުންނަކަމަށާ، ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހި ކައިގެން ވަރަށް ބޮޑަށް އެތެރެހައްޓައް ގެއްލުން ލިބިފައި ހުންނަކަމަށްވެސް އޭނާ ފާހަގަކުރިއެވެ. މަސްވެރިކަމުގައި އުޅޭ އިރު ދަލުގައި އޮޅިފައި އޮންނަ މިފަދަ އެއްޗެއް ދާކަނޑު ކަނޑާލައި މޫދައް ދޫކޮށްލިޔަސް އޭގެ ފުރާނަ ސަލާމަތް ނުވުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ބުންޏެވެ.
އެއީ ވެލާ އެފަދަގޮތަކަށް ފެންމަތީގައި އެއްޗެއްގައި އޮޅިފަ އޮންނަތާ ދެހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެވެލައަކަށް ވައިއަރައި އަޑިއަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމަށާ، މި ގޮތަށް ފެންނަ ވެލާކަހަނބު އެ ސެންޓަރަށް ގެންދިޔުމަކީ ކޮކޯ ޕާމުގެ ވަރަށްބޮޑު އެދުމެއްކަމުގައި އޭނާ ބުންނެވެ.
މި ގޮތައް ގެންނަ ވެލާ ކަހަނބުތައް މޫދައްދޫކޮށްލަނީ ވެލާ ކަހަނބުގެ ބޯމަތީގައި ހުންނަ ޕްރިންޓުގެ ފޮޓޯ ނެގުމަށް ފަހުއެވެ. ކޮންމެ ވެލާ ނުވަތަ ކަނހަބެއްގެވެސް ބޮލުގައިވާ ޕްރިންޓް ނުވަތަ ކުރެވުން ތަފާތު ވުމުން އެވެލާ ނުވަތަ ކަނަހަބު ދެވަނަފަހަރަށް ފެނުމުން އޭތީގެ މިޒާޖު ފާހަގަކުރަން ފަސޭހަވެގެންދެއެވެ. ވެލާގެ ސިކުނޑިއަކީ ކަނޑުގައި އުޅޭ އެހެން މަސްމަހާމެއްސައް ދެއްވާފައިވާ ސިކުނޑިއަށް ވުރެ ކުޑަ ސިނކުޑިއެކެވެ. އެހެން ކަމުން ދެވަނަ ފަހަރަށްވެސް އެވެލާ އައިސް ހަމަ އެދާގަނޑުގައި ނުވަތަ އެނޫންވެސް ދާގަނޑެއްގައި އޮޅުމުގެ ފުރުސަތުވެސް ބޮޑެވެ.
ރާއްޖޭގެ މަސްވެރިންނަށް މިސެންޓަރުން ދޭ މެސެޖަކީ ރާއްޖޭގެ ކަނޑުން ފެންނަ ދާތައް ހޮވައި އެތަކެތި ހިކިފަސް ތަނަކަށް ގެންދިއުމެވެ. އެއީ އޭގެ ސަބަބުން ތިމާވެއްޓަށާއި ކަނޑުދަތުރު ކުރާ އުޅަނދު ފަހަރަށާއި އާންމުންގެ ސަލަމާތާ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.