އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ވެރިފަރާތް ބަދަލުވާފަދަ މުޢާމަލާތްތަކާއި އެފަދަ ކުންފުންޏެއްގެ ޚިއްސާ ވިއްކުން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާ ގުޅޭ މުޢާމަލާތްތައް ހިންގުން ވަގުތީގޮތުން މަޑުޖައްސާލީ، ރައިސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެންގެވުމާ ގުޅިގެންކަމަށެވެ. އަދި އެފަދަ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު އެކޮމިޝަނަށް އެންގުމަށް އަންގާފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުންދާ މައްސަލައަކަށްވާތީ، އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްރަށުގެ ވެރިފަރާތް ބަދަލުވާފަދަ މުޢާމަލާތެއް ހިނގައިފިނަމަ އެކޮމިޝަންގެ ތަޙުގީގަށް ހުރަސް އެޅޭނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ދެކޭކަމަށެވެ. އަދި އެފަދަ މުޢާމަލާތެއް ހިނގައިފިނަމަ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ތަންތަން ދައުލަތަށް ނަގަން ޖެހޭ ޙާލަތުގައި ގިނަ ދަތިތަކާއި ކުރިމަތިވާނެކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް ބަލައި ނިމުމުން، އެނިމޭ ގޮތެއްގެ މައްޗަށް ބަލައި އަލުން ރަށްތަކުގެ ހެޑްލީސް ބަދަލުކުރުމާއި ޝެއަރ ޓްރާންސްފަރ ކުރެވޭނެގޮތް ހަމަޖެހިގެންދާނެކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ވަނީ 1.4 ބިލިއަން ރުފިޔާ ގެއްލިފައެވެ. އެކަމާ ގުޅޭ ތަހުޤީޤްތައް ކަމާ ގުޅުން ހުރި މުޢައްސަސާތަކުން ކުރިއަށްދާއިރު، އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ދަނީ އެމައްސަލަ ތަހުޤީޤްކުރަމުންނެވެ.