ޚަބަރު

އެކަނިވެރި މައިންނާ ބަފައިންނަށް ދޭ ޢިނާޔަތް 10000 ރުފިޔާއަށް ބޮޑުކުރަނީ


އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީ މަހަކު 10000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ނިންމަވާފައިވަނީ ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މިހާރުގެ ޙާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސުން ކަމުގައި ވެސް ވަނީ ނިންމަވާފައެވެ.

މިއަދު ވަޒީރުންގެ މަޖުލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި، ފަޤީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަޤީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުންވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން މި ކަރުދާސް ހުށަހަޅުއްވާފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމައިން އަދި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާގޮތުން އެހީ ޙައްޤުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުންދާތީ އެކަން އިޞްލާހުކޮށް މުރާޖަޢާކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅެއް ހޯއްދެވުމުގެ ގޮތުންނެވެ.

2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނައި ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތައް މި އެހީން މަހުރޫމްވަކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި އިސްލާޙްތަކާއެކު މިހާރު އެހީ ޙައްޤުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.